އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރައްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ ބޯފަޅާލައި އަނިޔާ ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.
މައްސަލައިގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ވެސް އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރާ މުހައްމަދު ޖަޒީލް ކިޔާ މީހެކެވެ.
ފުލުހުން ބުނީ ޖަޒީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މާރާމާރީ ހިންގާ މަންދީގެ ބޯފަޅާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 12:30 ހާއިރު އެވެ. އަނިޔާވި މަންދީ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ އެވެ.
ހަމަލާއާއި ގުޅިގެން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން މަންދީ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ޖަޒީލް އަށް ޖަލު ހުކުމެއް އަންނަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އަށް ބޭނުންވަނީ ފަރުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނޭދެން ޖަޒީލް [ހަމަލާދިން މީހާ] ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށް. އޭނައަށް ފަރުވާ ބޭނުންވޭ. މިކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާއި އާއިލާތަކުން ސަފާ ކުރާވަރު އަޅުގަނޑަށް ފެނޭ. އަޅުގަނޑު ވަރަށް އެދެން ފުލުހުން މިރޭ އޭނަ އެކަނި ގޮޅިއަކަށްލާ ދޫކޮށްނުލުން. އޭނައަކީ ގޯސް ކުއްޖެއް ނޫން ފަރުވާ ބޭނުންވާ ކުއްޖެއް،" މަންދީގެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ހަމަލާއަށް ފަހު ފުލުހުން ހައްޔަރުކުރުމުގެ ކުރިން ޖަޒީލް ވެސް ވަނީ ބައެއް ނޫސްވެރިންނާ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ހަމަލާ ދިނީ މަސްތުވެ ހުރެގެން ނޫން ކަމަށާ އެއީ ހަމަހޭގައި ހުރެ ކުރި ކަމެއް ކަމަށެވެ. އެކަން ކުރީ މަންދީ ހިމެނޭހެން އެމްޑީޕީ އޮފީހުގެ ބައެއް މުވައްޒަފުން އޭނާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރަމުންދާތީ ކެތްނުކުރެވިގެން ކަމަށެވެ.