މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމަކީ ތިއޭޓަރެއް ނޫން، މަސައްކަތުގެ ގަޑީ ބެލޭނީ ޓީވީއެމް އެކަނި: ޖުނައިދު

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފީހަކީ ރަސްމީ ގަޑިތަކުގައި ފިލްމު ބަލައި ސަކަރާތްޖަހަން ހާއްސަކޮށްފައިވާ ތިއޭޓަރެއް ނޫން ކަމަށާ ރަސްމީ ގަޑިތަކުގައި ބެލޭނީ ގައުމީ ޓީވީ ޗެނަލް އެކަނި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގައި ޓީވީއެމް ނޫން ޗެނަލެއް ބެލުން މަނާކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން "އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޖުނައިދު ވިދާޅުވީ، އެ ފިޔަވަޅު އަޅަން ޖެހުނީ އޮފީސް މަސައްކަތު ގަޑީގައި ބައެއް މުވައްޒަފުން ތަފާތު ޓީވީ ޗެނަލްތައް އަޅުވައިގެން ފިލްމު ބެލުމާ އެހެންވެސް ސަކަރާތުގައި ވަގުތު ހޭދަކުރާކަން ފާހަގަ ވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި އޮފީސް ގަޑީގައި އެކި ޗެނަލްތައް އަޅުވައިގެން ޓީވީ ބަލަން ތިބުމަކީ ކަސްޓަމްސް ފަދަ އޮފީހެއްގެ މުވައްޒަފުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރަން ހާއްސަކޮށްފައި ހުންނަ ސިނަމާތަކާ ތިއޭޓަރު ތައް މާލޭގައި އެބަހުރި ކަމަށާ އެއީ އޮފީސް ތެރޭގައި ކުރަންޖެހޭ ކަންކަން ނޫން ކަމަށެވެ.

"ޓީވީ ބެލުމާ ސިޔާސީ ހިޔާލު ބަދަލުކުރަން ހާއްސަ ތަންތަން ހުންނާނެ މާލޭގަ. އެއީ އޮފީސްތެރޭގައި ކުރަންޖެހޭ ކަންކަމެއް ނޫން. މެނޭޖްމަންޓުންވެސް އެފަދަ ކަންކަން އެގޮތަށް އޮތަދީގެން ނުވާނެ،" ޖުނައިދު ވިދާޅުވި އެވެ.

ޓީވީއެމް އެކަނި ބެލޭ ގޮތަށް ހަމަޖެއްސީ އެޗެނަލަކީ ވަކި ކޮޅަކަށް ބާރުދޭ ހަބަރާ ޕްރޮގްރާމް ގެނެސްދޭ ޗެނަލަކަށް ނުވެފަ، މުނިފޫހި ފިލުވުމުގެވެސް މާ ގިނަ ކަންކަން ހުންނަ ޗެނަލަކަށް ނުވާތީ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ.

މ