ވާހަކަ

ސިއްތާ

(3 ސެޕްޓެމްބަރ 2021 އާ ގުޅޭ)

އެއްފަރާތުގައި ވަށައިގެން ކަހަލަ ގޮތަކަށް ޖަހާފައި ހުރި މޭޒުތަކުން މޭޒެއް ކައިރީ އީހާނު އިށީނެވެ. މިއުޒިކު ކުޅެމުން ދިޔަ ބޭންޑަށް ނީރާގެ ނަޒަރު ހުއްޓުނީ ދެނެވެ. ތަގްދީރުގެ ސަމާސާއަކަށް ނޫނީ އެވަގުތުކޮޅު ނުވެއެވެ. ގިޓާ ހިފަހައްޓާލައިގެން އެހުރީ ލައިޒަލްއެވެ. އޭނާއަށް މާކުރިން ނީރާ ފެނިގެން ބަލަން ހުރި ކަހަލައެވެ.

ނީރާ ވަގުތުން ކޮޅަށް ތެދުވިއެވެ. އެތަނުން ނުކުންނަން ބޭނުންވިޔަސް އޭނާގެ އަތުގައި ހިފީ އީހާނެވެ. އެހިނދު ލައިޒަލްއާ ދިމާއަށް ނީރާއަށް ބަލާލެވުނީ އިހްތިޔާރަކާ ނުލައެވެ. އަތުގައި ހިފީ ފިރިމީހާއަށް ވިޔަސް ނީރާގެ ސަމާލުކަން ދެވުނީ ދުރުގައި ހުރި ލައިޒަލްއަށެވެ. އީހާނުގެ އަތް ފޮޅުވާލަން އުޅެވުނީ އެހެންވެއެވެ.

"މީހުން އެއްވާވަރު ނުކުރަނީސް ދޫކޮށްލާ." ބާރުމިން ނޭނގޭވަރަށް ތެޅެމުންދިޔަ ހިތާއެކު ނީރާއަށް ބުނެވުނީ ބާރަށެވެ. އީހާނުގެ އަތަށް ދޫ ދިން ހިނދު މޭޒު ދޮށުން ނުކުމެގެން ހަލުވިކޮށް އެތަނުން ނީރާ ނުކުމެއްޖެއެވެ.

ދުވަމުން އައި ނީރާގެ ފިޔަވަޅު މަޑު ޖެހުނީ އަތިރިމައްޗަށް ފޭބުނު ފަހުންނެވެ. ރަށުތެރޭގެ ހޭލަމޭލައިގެ އަޑު ފަނޑުވެ ރާޅުބީއްސާލަ އަޑު ފިޔަވާ އިތުރު އަޑެއް މާހައުލުން ނީވެއެވެ. ބޮކިދަނޑިތަކުގެ އަލި ނުފޯރާތީ އެހިސާބު އޮތީ އަނދިރިކޮށެވެ. މަޑުމަޑުން މޫނުގައި ދެއަތްތިލަ ހާކާލެވުމާއެކު ފުންކޮށް ދެތިން ނޭވާ ނީރާ ލިއެވެ.

"ލައިޒަލް... މިތަނުގަ... ކީއްވެ..." ނީރާގެ ސިކުނޑީގައި ލައިޒަލް ބަލަން ހުރި މަންޒަރު ވިއެވެ. ޝޯ ދިނުމަށް ލައިޒަލް ދާ ރިސޯޓުތަކަކީ ކޮބާކަމެއް ނީރާއަކަށް ނޭނގެއެވެ. އެއީ އެ ދެމެދުގައި ދެއްކިފަ އޮތް ވާހަކައެއް ނޫނެވެ. އަނެއްކާ ވެސް ދެ ލޯ މަރާލަމުން ފުން ނޭވާއެއް ނީރާ ލިއެވެ. ކުއްލިއަކަށް މި ދިމާވި ކަންތަކުގެ ސަބަބުން ތެޅިފޮޅިގަތް ހިތަށް ހަމަޖެހުމެއް ލިބޭތޯ އުޅޭ ކަހަލައެވެ.

އީހާނު ނުކުންނަން އަންނަމުން ލައިޒަލްއަށް އަތުން ހަނާ އަޅާލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކަނާއަތުން އިޝާރާތްކޮށްލީ ފޯނު ކުރާށޭ ބުނާ ފަދައިންނެވެ. ލައިޒަލް ހުރީ ކޮންރިސޯޓެއްގަކަން އީހާނަށް އޮތީ އެނގިފައެވެ. ޔަމާނުގެ ފަރާތުންނެވެ. އެއީ އާންމުކޮށް އެމީހުން މިއުޒިކު ޝޯ ދޭން އަންނަ ރިސޯޓުތަކުން ލައިޒަލްއަށް ކަމުދާ މަންޒިލްކަން ވެސް އެނގުނީ ޔަމާނުގެ ފަރާތުންނެވެ. ދެމީހުން ބައްދަލުވުމުގައި އިއްތިފާގެއް ނުވެއެވެ. އެ ރިސޯޓުގައި ތިބޭން ސުޖާއު ކައިރީ ބުނީ އިހާނެވެ. ރަން ކީ ދުވަހު ލައިޒަލް ބައިވެރި ނުވުމުން ކައިވެނި ހަފުލާއަށް އޭނާ ގެނެވޭތޯ އީހާނު މަސައްކަތް ކުރިއެވެ. އެކަން ވެސް ކާމިޔާބުނުވީއެވެ. އެހެންވިޔަސް އަނބިމީހާއާ ލައިޒަލް ބައްދަލުކޮށްދިނުމަށް އީހާނު ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެ ހިޔާލުން ތަފާތު އުފާވެރިކަމެއް އެ ހިތަށް ލިބޭ ކަހަލައެވެ.

އީހާނާއި ނީރާ ތިބެލީ ރިސޯޓުގެ "ވޯޓާ ވިލާ"އެއްގަ އެވެ. ނީރާ ނުފެނިގެން އީހާނު އެނބުރި އައިއިރު ބައްދަލުވީ ފާލަންމަތިންނެވެ. ދެއަތް އުރާލައިގެން މޫދަށް ބަލަން ހުރިއިރު އެ މޫނުވަނީ އެކީ މިލާފައެވެ. އީހާނާއެކު އެތެރެއަށް ވަންއިރު ރޮއެފަ ހުރި ފަދަ މަޑު ރަތްކަމެއް ނީރާގެ ލޯ ކައިރިއަށް ވެރިވެފައި ވާތީ ދުށްޓެވެ. ބިއްދޮށަށް ނުކުމެވެން ހުރި ދޮރު ކަހާލައި ނީރާ ނުކުމެ އިށީނީ އެތަނުގައި ހުރި ގޮނޑީގައެވެ. އޭގެ އަނެއްފަރާތުގައި ދުރުގައި ހުރި ބީޗު ގޮނޑީގައި އީހާނު އައިސް އިށީނެވެ.

"ލައިޒަލް ދުށީންތަ؟. އެ ބޭންޑް މިކޮޅުގަ ޝީ ދޭން ތިބީ... ކީއްވެ މަޑުނުކުރީ." އީހާނު ވާހަކަދެއްކީ ފަނޑުއަލިކަމުގެ ތެރެއިން ވެސް ނީރާގެ މޫނަށް އަރާ ފައިބާ ކުލަތައް ދުށުމަށް ޝައުގުވެރިވެ އިނދެއެވެ. ނީރާގެ ޠަބީޢަތް ބަދަލުވެ އޭނާ އެހާ އަވަހަށް އެތަނުން ނުކުމެގެން އައީ ލައިޒަލް ފެނިގެންކަން އީހާނަށް ރަނގަޅަށް އެނގެއެވެ.

"ނީރާ." ވާހަކަނުދައްކާ ނީރާ އިންނަން ފެށުމުން އީހާނު ގޮވާލިއެވެ.

އީހާނުގެ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ނީރާ ބޭނުން ނުވަނީއެވެ. ދުރު ބަލަހައްޓައިގެން އިނީ ބީރު ކަންފަތެއް ދީގެންނެވެ. އީހާނު ތެދުވެގެން ނީރާގެ ގާތަށް އައެވެ. މިފަހަރު އޭނާ އިށީނީ ނީރާގެ ކައިރީ ހުރި ގޮނޑީގައެވެ. ބޯއަރިކޮށްލައި ފަރުވާތެރިކަމާއެކު ނީރާގެ މޫނަށް އީހާނު ބެލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއިރު އީހާނުގެ ހިތުގައިވާ ލޯބި ސިއްރެއް ނުވެއެވެ. ހަގީގަތުގައި ވެސް އޭނާ ނީރާއަށް އެދެއެވެ. އެ މޫނުގައި ފިރުމާލައި ލޮލުގައި ބޮސްދޭ ހިތް ވިޔަސް ނީރާގެ ނުރުހުމުގައި އެކަން ކުރާންޖެހޭތީ އޭނާ ކެތްތެރިވިއެވެ. ނީރާގެ ފުށުން ގާތްކަމަށް އެދޭން އަދި އަވަސްކަމުގައި އީހާނުގެ ޟަމީރު ވެސް އެއްބަސްވެއެވެ. ނީރާގެ ހިތް މިލްކުވާން ވަގުތު ނަގާނެކަމެވެ. ކެތްތެރި ނުވެއްޖެނަމަ ދެމެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވާނީކަން އީހާނު ދެނަހުއްޓެވެ.

ކޮޓަރިއަށް ވަންނަން ނީރާ ނޫޅޭތީ އީހާނު ވެސް ތެދުވާން ބޭނުންނުވެފައި އިނީއެވެ. ނީރާގެ ސަމާލުކަން ވައިބްރޭޓްވި ފޯނަށް ހުއްޓުނެވެ. ފޯނު ހިފައިގެން އޭނާ ހިނގައިގަތީ އީހާނާ ދުރަށެވެ. އަތުކުރީ އޮތް ގަޑިއަށް އީހާނު ބަލާލިއެވެ. ދަންވަރު ދޭއް ޖަހައި ހިނގައްޖެއެވެ. އެ ގަޑީގައި ނީރާއަށް މެސެޖު އަންނަނަމަ އެއީ ކާކު ކުރާ މެސެޖެއްކަން އީހާނަށް ޔަގީންކަމާއެކު ބުނަން އެނގެއެވެ.

"ބައްދަލުވެދާނެތަ؟ ޕްލީޒް." މެސެޖު ކިޔާލުމާއެކު ނީރާއަށް ތުންފިއްތާލެވުނެވެ. ފަސްއެނބުރި ބަލާލިއިރު އީހާނު އިނީ ނީރާއަށް ބަލާށެވެ. ލައިޒަލް އެދުނީތީ ނީރާ ދާހިތްވިއެވެ. އެހެންވިޔަސް އީހާނު ކައިރީ ދައްކާނީ ކޮންބަހަނާއެއް ހެއްޔެވެ. ދޮގު ހަދަން އުޅެނިކޮށް ފަޅާ އަރާފާނެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް އީހާނު އެއީ ފިރިމީހާއެވެ. އަނތްބެއްގެ މައްޗަށް އެންމެ ހައްޤުކަން ބޮޑީ ފިރިމީހާއަށެވެ. އެކަމަކު ނީރާގެ ސިކުނޑީގައި ހިނގަނީ ނުރައްކާތެރި ހިޔާލު ތަކެކެވެ. ފިރިމީހާ ހުއްޓާ ދުރު ހިލޭ ފިރިހެނެއްގެ ގާތްކަމަށް އެދެވެނީ ނުހަނު ބޮޑަށެވެ. ކުޑަކޮށް ވެސް ފިރިމީހާއަށް ޓަކައި އެ ހިތުގައި އިހްސާސެއް ނުވެއެވެ. އަނބިފިރިކަމުގެ ނަޒަރުން ދުށުން ވެސް ކެތްކުރަން ދަތިވާވަރު ކަމަކަށް ވަނީއެވެ. ހަމައެއާއެކު ނީރާގެ ޟަމީރު އޭނާގެ ނިންމުމުގެ މަތީން ހަނދާންކޮށްދިނެވެ. އަނތްބެއްގެ ގަދަރާއި އިއްޒަތް ވެސް ނަގާލަނީތޯ ޟަމީރު ސުވާލު ކުރިއެވެ. އެ ލަދުވެތިކަން ވެސް ނަގާލަނީތޯއެވެ. ލޯބިވިޔަސް ލައިޒަލްއާ އޮތް ގުޅުން ކައިވެންޏަށްފަހު ކުރިއަށް ގެންގޮސް ނުވާނޭކަން ހަނދާންކޮށްދިނެވެ. ބަޔާންކުރަން ދަތިވީ ފަދަ އިހްސާސެއް ނީރާގެ މުޅި ނަފްސަށް ވެރިވިއެވެ.

"ނީ... އަހަރެން ގޮސްފާނަމޭ. ކޮންތާކު ތިހުރީ. ހަމައެކަނި ފެނިލަން ނުކުމެބާ." ލައިޒަލްގެ ދެވަނަ މެސެޖު ނީރާއަށް ލިބުނެވެ.

"އައި ކާންޓް." ނީރާ މިފަހަރު ބަލަން ނުހުރެ ރައްދު ފޮނުވިއެވެ. އެއާއެކު ނުހަނު އަވަހަށް ލައިޒަލްގެ މެސެޖު ލިބުނެވެ. އީހާނު ހުރީތޯ އޭނާ އަހައިފަ އޮތެވެ. އެ ސުވާލަށް ނީރާ ޖަވާބެއް ނުނިދިނެވެ. އޭގެ ފަހުން ވަގުތުކޮޅެއް ހޭދަވެގެން ހިނގައްޖެއެވެ. ލައިޒަލް އިތުރު މެސެޖެއް ނުކުރިއެވެ. ފަތާފެންގަނޑުގެ އެއްފަރާތުން މޫދަށް ފޭބެން ހުރި ހަރުފަތްތަކަށް ދެފައި ބާލައިގެން އެތަނުގައި ނީރާ އިށީނދެލިއެވެ. އެވަގުތު އީހާނުގެ ފޯނު ރިންގުވާ އަޑު އިވުނެވެ. ނީރާއަށް ބަލާލެވުނެވެ. އީހާނު ފޯނު ކަންފަތުގައި ޖަހާލަމުން ތެދުވީއެވެ. ކޮޓަރިއަށް ވަނުމުން އޭނާ ފޯނުން ވާހަކަދައްކާ އަޑެއް ނީރާއަށް ނީވުނެވެ. އަޅާލަން ބޭނުންނުވިޔަސް ނީރާ ސުވާލު އުފެދުނެވެ. އީހާނަށް އެފަދަ ވަގުތަކު ގުޅީ ކާކުކަން ނޭނގޭތީއެވެ. މިގަޑީގައި ގުޅާނޭ މީހަކު ނުހުންނާނޭކަން އެނގޭތީއެވެ.

"ބޭބީ. ކޮފީ ބޯނަންތަ؟" ކޮޓަރިން ނުކުތް ގޮތަށް އީހާނު އަހާލިއެވެ. އޭރު ވެސް އޭނާ ހުރީ ކަންފަތުގައި ފޯނު ޖައްސާލައިގެންނެވެ. ހައިރާންކަން އެކުލެވިގެންވީ ބެލުމަކުން ބަލަން ނީރާއަށް އިނދެވުނީއެވެ. ބޭބީއޭ އީހާނު ގޮވާލިއިރު އެއީ މީގެ ކުރީން ނީރާއާ މުހާޠަބުކުރި ގޮތެއް ނޫނެވެ.

"ލައިޒަލް ގުޅީ. އެމީހުން ޝޯ ނިންމާފަ... ކޮފީއެއް ބޯލަން އަންނާށޯ. އެހާ އަވަހަކަށް ނުއެއް ނިދާއެއްނު. ހިނގާ ދާން." އީހާނުގެ އަޑުގައި ތަފާތު ޖޯޝެއް ވިއެވެ. ނީރާ ހިތްއަވަސްވިއެވެ. އީހާނާއެކު ލައިޒަލްގެ ކުރިމަތީ އިންނަން ދާކަށް އޭނާ ބޭނުމެއްނުވިއެވެ. އެކަމަކު ނޫނެކޭ ވެސް ނީރާއަށް ނުބުނެވުނެވެ. ލައިޒަލް ދުށުމަށް ވެސް ހިތް އެދެއެވެ. އީހާނަށް ބަލަން އިން ގޮތަށް އިނދެވުނީ އެހެންވެ އެވެ. އީހާނު އިތުރު ވާހަކައެއް ނުދެއްކިއެވެ. އެ ދެ ލޮލުގައިވަނީ ކީކޭކަމެއް ދެނެގަންނާކަށް ނީރާއަކަށް ނޭނގުނެވެ. އީހާނު އެނބުރި ގޮސް ކޮޓަރިއަށް ވަނީއެވެ.

އެންމެ ފުރަތަމަ ލައިޒަލްއާ ސުވާލުކުރި މީހަކަށްވީ ވިލްދާނެވެ. އެ ގުރޫޕުގައި ނީރާ ފެނުނު މީހަކަށް ހުރީ ވިލްދާނު ވިއްޔާއެވެ. ދެން ތިބި ބަޔަކަށް ފެނުނީ ލައިޒަލްއާއެކު މީހަކު ހުއްޓާ ނަގާފައިވާ ފޮޓީގަނޑެއް އެކަންޏެވެ. ރިސޯޓުން އެހެން ފިރިހެނަކާއެކު ނީރާ ފެނުމުން ވިލްދާނު ހުރީ އަޖައިބުވެފައެވެ. ހިސާބަކަށް ލައިޒަލްއަށް އައިސްގެން އުޅޭ ބަދަލު ނަގައިގަންނަން އޭނާއަށް އެނގުނީ ދެނެވެ. ރޮއެރޮއެ ހިނދިގެން ހިނގައިދާނޭ ހީވާވަރަށް އެ ދުވަހު ނީރާ ރޮނިކޮށް ވިލްދާނު ދުށްޓެވެ. އަދި އޭނާ ގޮވައިގެން ލައިޒަލް އައިސް ޕްރެކްޓިކްސް ކުރާ އެޕާޓްމެންޓުގައި ހުންނަ ކޮޓަރިއަށް ވަންތަން ވެސް ހުރީ ފެނިފައެވެ. ދެމެދުގައި ގުޅުމެއްނެތްނަމަ ލައިޒަލް އެހާ ފާޅުކަން ބޮޑުކޮށް އަންހެންކުއްޖަކު ގޮވައިގެން އެކަހެރިއެއް ނުވާނޭކަން ވިލްދާނަށް އެނގެއެވެ. އެ ނޫނީ އެފަދަ ޢަމަލެއް ލައިޒަލްގެ ފުށުން އޭނާ ނުދެކެއެވެ. އެކަމަކު ކުއްލިއަކަށް މިވީ ކިހިނެއްކަން އެނގެން އޭނާ ވެސް ޝައުގުވެރި ވިއެވެ. ނަމަވެސް ލައިޒަލްއަކީ ސިއްރުވެރި މީހެކެވެ. ވިލްދާނުމެން ކައިރީ ވެސް އޭނާ ހަގީގަތް ހާމައެއް ނުކުރިއެވެ. ނީރާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާ ނުދެއްކިއެވެ.

އީހާނު ފެނުމުން ބޭންޑުގެ މެންބަރުން ކައިރީ ދަނީ ކަމުގައި ބުނެ ލައިޒަލް ހިނގައިގަތެވެ. ދެން ވެސް ވިލްދާނު އިނީ އަޖައިބުވެފައެވެ. ލައިޒަލް އެ ދަނީ ނީރާއާއެކު ފެނުނު ޒުވާނާއާއެކުވީމައެވެ. ފުރަތަމަ ބައްދަލުވީއްސުރެން މިއަދާއި ހަމައަށް ވެސް ލައިޒަލްއާއި އީހާނަކީ އެކަކުއަނެކަކާ މާބޮޑު އެކުވެރިކަމެއް ބޭއްވި ދެ މީހުނެއްނޫނެވެ. އެކުގައި ދެމީހުން ތިބެ ކުރިއަށް އައީ ހިތުގައިވާ އަމިއްލަ އެދުން ހާސިލު ކުރުމަށެވެ. ހިނިތުންވެ އެކަކުއަނެކަކާ ވާހަކަދައްކާއިރު އެއީ ހަމައެކަނި ބޭރުފުށުގެ ދެއްކުންތެރިކަމެވެ. އެތެރެއޮތީ އަނދައަނދައެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ ނީރާ ހާސިލު ކުރުމެވެ. އަމިއްލަ ހައްގަކަށް ހަދައި މިލްކު ކުރުމެވެ.

"ކީއްވެ ނީރާ ނައީ؟" ލައިޒަލް އަހާލިއެވެ.

"މާބޮޑަށް ވަރުބަލިވީހެން ހީވަނީ." ލުއި ހިނިތުންވުމަކާއެކު އީހާނު ބުނެލިއެވެ.

"މިކޮޅަށް ކިހާ ދުވަހަކަށް ތިއައީ." ލައިޒަލް އިތުރަށް އެނގެން ބޭނުންވިއެވެ. އޭނާ ފަތިހުން ފުރަން ގަސްދުކޮށްގެން ހުއްޓާ މިވީ ގޮތުން ދެން އޭނާ މާލެ ދާން ގަސްދެއް ނުކުރެއެވެ. އީހާނު ދޮގެއް ނުހެދިއެވެ. އޭނާ ބޭނުންވަނީ ވެސް ލައިޒަލްއަށް ހުރިހާ ކަމެއް އަންގާށެވެ. ނީރާއާއެކު ހުރިހާ ވަގުތެއް ހޭދަކުރާނެ މީހަކީ އޭނާކަން އަންގާށެވެ. ނީރާ އުފަލުގައި ގެންގުޅެވޭނެ މީހަކީ އޭނާކަން ބުނެދޭށެވެ. އަދި އޭނާ ހުރިހާ ދުވަހަކު ނީރާ އެހެން މީހެއްގެ ހައްގަކަށް ނުވާނޭ ކަމެވެ.

"ބޭބްސް... ނީރާ..." އެތެރެއަށް ވަދެގެން އަންނަމުން އީހާނު ގޮވާލިއެވެ. އެ އަޑުގައިވާ ގާތްކަން ލައިޒަލްއަށް ނަގައިގަންނަން ދައްޗެއް ނުވިއެވެ. އެއްވެސް ކަމަކާ ވިސްނުން ހިންގޭވަރަށްވުރެ ކެތްތެރިކަން ކުޑަވެފައި ހުރި ލައިޒަލްގެ ދެ ލޯ ހޯދަމުން ދިޔައީ ނީރާއެވެ. އީހާނާއެކު އޭނާ ކޮޓަރީގެ ބިއްދޮށަށް ނުކުތެވެ. މޫދަށް ފައިބަން ހުރި ހަރުފަތްމަތީ މޫނުގައި ދެއަތް އަޅާލައިގެން ނީރާ އިންތަން ދެ ޒުވާނުންނަށް ފެނުނެވެ. އީހާނު އެތެރެއަށް ވަދެ ނިކަން އަވަހަށް އައީ ކުޑަ ރަޖާ ހިފައިގެންނެވެ.

"މާބޮޑަށް ފިނިވެދާނެ. ކޮންއިރެއް ތިތާ އިންނަތާ." ނީރާގެ ފަހަތުން އައިސް ރަޖާއިން އެ ހަށިގަނޑު ފޮރުވާލަ ދެމުން އީހާން ބުނެލިއެވެ. އެހިނދު ނީރާ ތެޅިގަންނަން އުޅުނީ ދުރަށް ދާށެވެ. ނަމަވެސް އޭނާގެ ދެ ކޮނޑުގައި އީހާން ހިފަހައްޓާލީ ނުހަނު ބާރަށެވެ. ގުޑިނުލެވޭވަރަށެވެ. ކަންފަތް ދޮށުގައި ލައިޒަލް އައިސް ހުރިކަން އީހާނު ބުނެލީ ސިއްރުންނެވެ. ނީރާގެ ހަކަތަ ހުސްވީ ފަދައިން ހަރަކާތް ހުއްޓުނެވެ. އޭނާގެ އަނގައިން ނުކުތް އާހުގެ އަޑު ސާފުކޮށް އީހާނަށް އިވުނެވެ.

"ކަމް..." އީހާން މަޑުމަޑުން ބުނެލުމާއެކު ދުރަށް ޖެހުނެވެ. ހުރިހާ މަންޒަރެއް ބަލަން ލައިޒަލްއަށް ހުރެވުނީ އަރިމަތީ ޖީބަށް ކޮށްޕާލެވިފައިވި ދެ އަތްތިލަ މުއްކަވާލައިގެންނެވެ.

ނީރާ ތެދުވެ އެނބުރިލީ އިރުކޮޅެއް ފަހުންނެވެ. ހީވީ ލައިޒަލްއާ ކުރިމަތިލާނޭ ހިތްވަރު އޭނާ ހޯދައިގެން އެނބުރިލީ ހެނެވެ. އެނބުރިލުމާއެކު އީހާނު އޭނާގެ ގާތުން އެދުނީ ލައިޒަލް ގޮވައިގެން އިށީނުމަށެވެ. އޭނާ ކޮފީ ހަދައިގެން އެބަ އަންނަން ކަމުގައެވެ. ނީރާ އާނއެކޭ ބުނެލީ ބޯޖަހާލުމަކުންނެވެ. އަތުން އެތަނުގައި ހުރި ކުޑަ މޭޒާ ދިމާއަށް އިޝާރާތް ކޮށްލާފައި ނީރާ ހިނގައިގަތެވެ. އިށީންނަން އުޅުމުގައި ނީރާގެ އަތުގައި ލައިޒަލް ހިފާލިއެވެ. ސިއްސައިގެން ދިޔަ ނީރާއަށް އަވަހަށް ބަލާލެވުނީ އީހާނު ކޮބާތޯއެވެ. އެއަށްފަހު ލައިޒަލްއާ ކުރިމަތިލިއެވެ.

"ކީއްކުރަން ތިއައީ." ނީރާ އަތުގެ އިޝާރާތުން ވާހަކަދެއްކިއެވެ. ލިބިފައި ހުރި ސިހުމާއެކުއެވެ.

"ނޭނގޭތަ ކީއްވެކަން އައީ." ލައިޒަލް ޖަވާބު ދިނީ ނީރާ ވާހަކަދެއްކިހެން އަތުގެ އިޝާރާތުންނެވެ.

ކަންފަތް ދިއްކޮށްގެން ހުރި އީހާނު ކޮފީ ހަދައި ދެ ޒުވާނުންނަށް އެތެރެއަށް އައުމަށް ގޮވާލިއިރު ވެސް ލައިޒަލްއާއި ނީރާ ވާހަކަދައްކާ އަޑެއް ނީވުނެވެ. އޭނާ ހީކޮށްގެން ހުރީ ލައިޒަލްއާއެކު ނީރާ އެކަނިވުމުން ދެމީހުން ވާހަކަދައްކާނޭ ކަމަށެވެ. ނޭނގުނީ އެ ދެމެދުގައި މުއާމަލާތު ކުރުމަށް އަޑު ބޭނުންނުވާ ކަމެވެ. ފުރަތަމަ ދުވަހުން ފެށިގެން ލައިޒަލް އައީ ނީރާއާ ވާހަކަދައްކަން އިޝާރާތުގެ ބަހުރުވަ ދަސްކުރަމުންކަމެވެ. އެއީ އޭނާ ނީރާއަށް ޓަކައި އުފުލި ބުރައެކެވެ. މިއަދު އެ ދެމީހުންނަށް އެކަމުގެ ފައިދާކޮށްފިކަން ޔަގީނެވެ. ފާރަވެރިވެ ހުންނަ މީހާއަށް ދައްކާ ވާހަކަ އިވިދާނޭތީ އެމީހުން ޖެހިލުންވާކަށް ނުޖެހޭނެއެވެ.

ކޮފީތަށި ހުސްނުވަނީސް އީހާނު ގޮސް އެނދަށް އެރިއެވެ. ދެން ވެސް އޭނާ މަސައްކަތްކުރީ ލައިޒަލްއާއެކު ނީރާގެ ޢަމަލުތައް ހުރި ނެތްގޮތެއް ބެލުމަށެވެ. އެނދުގައި އަރިއަކަށް އޮތް އީހާނު ލޯ މަރާލިއެވެ. އެގޮތުގައި އޭނާ އޮތީ ނިދާފައިކަމަށް ހެދިގެންނެވެ. އަޑެއްބަޑެއް ނީވި އެތައް އިރެއްވުމުން ސިއްރުން އީހާނު ބަލާލިއެވެ. ހިތަށް ނުބައިގޮތެއްވީ ނީރާއާއި ލައިޒަލް ވާހަކަދައްކާތީ ފެނުމުންނެވެ. އެ ދެމީހުން އެ ދައްކަނީ އޭނާ ނުދަންނަ ބަހުރުވައަކުންވީމައެވެ. ދެމީހުންގެ އިޝާރާތްތަކުން އެބުނަނީ ކީކޭކަމެއް ނޭނގުނެވެ. އުޅާހަށް ދެމިލާ މީހަކުހެން ތަންމަތީގައި އޮވެ ދެމިލާފައި އީހާނު ލޯ ހުޅުވިއެވެ. އޭނާގެ ހަރަކާތާއެކު ލައިޒަލްއާއި ނީރާ ހިމޭންވިކަން އީހާނު ދެނަހުއްޓެވެ.

"ދެމީހުން ވާހަކަ ހުސްނުވޭތަ. ލައިޒަލް... އަހަރުމެން މީ އަލަތު ދެމަފިރިންކަން ހަނދާންނައްތާނުލާ. މިހާއިރުވެގެންދާއިރު އަހަރެންގެ އަނބިމީހާއަށް ބޭނުންވާނެކަން އެނގެއެއްނު." ސަމާސާއެއް ފަދައިން ހިނިއައިސްފަ ހުރެ އީހާނު ތެދުވެގެން އައިސް ހުއްޓިލީ ނީރާގެ ގާތުގައެވެ. ނީރާ މޭނުބައިކުރިއެވެ. އެ ދެއްކި ވާހަކައިން އޭނާއަށް މާނަކުރެވުނު ގޮތުންނެވެ. ހަމައެއާއެކު ލައިޒަލްއަށް ވެސް އީހާނުގެ ވާހަކައިން ނޭނގޭނީ ނުބައި މާނައެއްކަން ނީރާއަށް އެނގުނެވެ.

"އަނބިމީހާ ގޮވައިގެން ފިލައިފިއްޔާ ދެން ކިހިނެއް ހަދާނީ." ލައިޒަލް ވެސް އިނީ އީހާނު ފަދައިން ހިނިއައިސްފައެވެ. ސަމާސާއާއެކުވެފައިވާ ހިތުގެ ރޭވުން އެނގެނީ އެމީހަކަށެވެ. ބުނާއެއްޗެއް ބުނަނީ ކޮންމާނައެއްގައި ކީއްވެ ކަމެވެ.

"ގުޑްނައިޓް." ނީރާ ތެދުވިއެވެ. އެ ވާހަކަތައް އަޑުއަހަން ބޭނުންނުވެގެންނެވެ. ލައިޒަލްގެ ހިނިތުންވުން ގެއްލުނެވެ. އެތަނުން ދާން ޖެހޭ މީހަކީ ލައިޒަލްކަން ނީރާ ހަނދާންކޮށް ދިނީއޭ އޭނާއަށް ހީވީއެވެ. މިހުރިހާއިރު އޭނާ އެ އިންނަނީ ގަސްދުގައި ނުދާންވެގެންނެވެ.

"މިކޮޅުގައި ހަފްތާއެއް ވަންދެން އުޅޭނަން." ދާން ތެދުވެފައި އީހާނަށް ބަލާލައި ލައިޒަލް ބުނެލިއެވެ. އޭނާ އެ މެސެޖު ދޭން ބޭނުންވީ ނީރާއަށެވެ. ހަފްތާއެއްގެ ތެރޭ އޭނާއާ ބައްދަލުކުރާނޭ ވަގުތެއް ނީރާ ހޯދުމަށް އެދި ބުނެލި ކަހަލައެވެ. އީހާނާއިއެކު ނީރާ ވެސް ލައިޒަލް ދާން ނުކުތުމުން ފަހަތުން އައެވެ. ލައިޒަލް ދުރުދުރަށް ދާންދެން ނީރާ މަޑުކުރިއެވެ. އެތެރެއަށް ވަނީ އީހާނު ގޮވާވަރުންނެވެ.

އެނދަށް އަރާ ދެމަފިރިން ތިބިއިރު ނީރާ އޮތީ އީހާނަށް ފުރަގަސް ދީގެންނެވެ. ދޮރުލައްޕާލާފައިވާއިރު ދޮރުފަތިތައް ހުރީ ދަމާލެވިފައެވެ. ލޮނުގަނޑުގެ އަޑު އިވިއިވި ހުއްޓެވެ. އީހާނު ބަލަން އޮތީ ނީރާއަށެވެ. ކިރިޔާ އޭނާ ހަރަކާތެއްކޮށްލިޔަސް ނީރާ ބަލާލައެވެ. ހީވަނީ ސަމާލުވެ އޮތްހެނެވެ. އީހާނު ކައިރިވެދާނޭތީއެވެ. ރޭގައި ވެސް ނީރާ އުޅުނީ އެގޮތަށެވެ. ނިދެނީ ވަރުބަލިވެގެން ހަބަރުހުސްވާ ފަދައިންނެވެ. ނީރާ ނިދާ ހަރުވަންދެން އޮތް އީހާން ކައިރިއަށް ޖެހިލައި އަނބިމީހާގެ ގައިގާ ބައްދާލިއެވެ. ކޯތާފަތުގައި ބޮސްދީފައި "ގުޑްނައިޓް" އޭ ބުނެލިއެވެ. ނިދީގެ ތެރެއަށް އޭނާ ފީނައިގަތީ ދެނެވެ. ނިދީގައި އޮތް ނީރާ ގަދަހެދުމެއް ނެތެވެ. ރުހިގެންވާ ފަދައިން އީހާނުގެ އަތުގެތެރެއަށް ނީރާ ބޮނޑިވެލީއެވެ. ނިދެމުންދިޔަ އީހާނުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ލަވް ޔޫ... ޔޫ އާ ފައިނަލީ މައިން..." ނީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން އީހާން ބުނެލިއެވެ. (ނުނިމޭ)