ހައުސިން މިނިސްޓްރީ

10 ބަނދަރު ހެދުމަށް 21 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފި

އަތޮޅުތަކުގެ 10 ރަށެއްގައި ބަނދަރާއި ޖެޓީއެއް ހެދުމަށް 21 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޕްރޮޖެކްޓުތަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ހދ. ނޮޅިވަރަންފަރު، ހދ. ނޮޅިވަރަމު، ނ. މާފަރު، ނ. މާޅެންދޫ، ނ. ވެލިދޫ، ރ. އިންނަމާދޫގެ ބަނދަރު ހެދުމުގެ މަސައްކަތް 550 ދުވަސް ތެރޭގައި ނިންމުމަށް ބަޔަކާއި ހަވާލުކޮށްފައިވާ އިރު މ. ކޮޅުފުށި، ލ، ގަން ތުނޑި، ކ. ތުލުސްދޫ އާއި ޏ. ފުވަމުލަކުގެ ބަނދަރު ހެދުމުގެ މަސައްކަތް އަހަރެއް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. ފޮއްދޫގައި ޖެޓީއެއް ހެދުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 260 ދުވަސް ތެރޭގަ އެވެ.

މި މަޝްރޫއުތަކުތެރެއިން ގިނަ ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. އަދި އެކަން ކުރުމަށް އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނުގެގެ ދަށުން 17.5 މިލިއަން ޑޮލަރާއި އަދި ބަޖެޓުން 4.1 މިލިއަން ޑޮލަރު ހަރަދު ވެއެވެ. މި މަޝްރޫއަށް މުޅިއެކު ހަރަދު ވަނީ 21.5 މިލިއަން ޑޮލަރު (331.10 މިލިއަން ރުފިޔާ) ހަރަދުވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށާނެ ކަމަށާއި މިހާރު މި 11 މަޝްރޫއުތަށް ފެށުމަށްޓަކައި ހަދަން ޖެހޭ އީއައިއޭ ރިޕޯޓާއި އެނޫނަސް މަސައްކަތް ވާނީ ނިންމާލާފައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދަކީ އެމިނިސްޓްރީ އިން އެއްފަހަރާ އެންމެ ގިނަ މަޝްރޫއުތަކުގައި ސޮއިކުރި ފަހަރު ކަމަށާއި އަދި މިމަޝްރޫއުތަށް ހިމަނައިގެން މިހާރު ރާއްޖޭގެ އެކި ހިސާބުގައި ގާތްގަނޑަކަށް 60 ތަރައްގީގެ މަޝްރޫތަށް ހިނގަމުން އެބަދޭ ކަމަށެވެ.