އެމްޓީސީސީ

މަހާޖައްރާފަށް ކެޕްޓަނުން ހޯދަނީ، މުސާރަ އެއް ލައްކަ

Sep 5, 2021
2

އެމްޓީސީސީގެ ކޮންނަ ބޯޓް "މަހާޖައްރާފު" ދުއްވާނެ ކެޕްޓަނުން ހޯދަން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެއް އަހަރުގެ މުއްދަތަށް ނަގާ މި މަގާމުގެ މުސާރައަކީ 109،000ރ. އެވެ. މުސާރައިގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމްގައި ވެސް ބައިވެރިވެވޭނެ އެވެ. މި މަގާމަށް ނަގާ މީހަކު މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރާނެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނުވަ ވަނަ ދުވަހެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ކަނޑު އުޅަނދުގެ ދާއިރާ އިން ތަމްރީންނާއި ތައުލީމު ހުންނަން ޖެހެ އެވެ.

މަހާޖައްޔާފު ކުރިން ދުއްވަމުން ގެންދިޔައީ ބޭރު މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އުޅަނދުގައި ހަރަކާތްތެރި ވަނީ ހުސް ދިވެހިންނެވެ. މިގޮތުން 17 ދިވެހިން މި ބޯޓުގައި ހަރަކާތްތެރިވާނެ އެވެ. މީގެތެރޭގައި ކެޕްޓަނުން އިން ފެށިގެން އިންޖިނޭރުންނާއި ކައްކާއިން ވެސް ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން، އެމްޓީސީސީ އިން ގެނައި ކޮންނަ ބޯޓް، މަހާޖައްރާފުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

އެމްޓީސީސީން ބިން ހިއްކުމުގައި މުހިންމު ދައުރެއް އަދާކުރާ މި އުޅަނދުވެފައިވަނީ މިހާރު އެ ކުންފުނީގެ މުހިންމު އެސެޓަކަށެވެ.