ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ދަރިފުޅު ރޯމިއޯ ބެކަމް، ޕްރޮފެޝަނަލް ފުޓްބޯޅައިގެ ފުރަތަމަ ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.
ރޯމިއޯ ބެކަމް ގުޅިފައި ވަނީ ފޯޓް ލައުޑާޑޭލް އަށެވެ. މި ޓީމަކީ އިންޓާ މިއޭމީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޓީމެކެވެ. އިންޓާ މިއޭމީ އަކީ ރޯމިއޯގެ ބައްޕަ ބެކަމްގެ ޓީމެކެވެ. މިއީ ފުޓްބޯޅަ ހަޔާތުގައި ބެކަމްގެ ހަތަރު ދަރީންގެ ތެރެއިން ދެވަނަ ދަރިފުޅުގެ ފެށުމެވެ.
ފޯޓް ލައުޑާޑޭލް އާއި ރޯމިއޯ ގުޅުނުކަން އޭނާ އަންގާފައި ވަނީ އިންސްޓަގްރާމް ޕޯސްޓަކުންނެވެ. ގިނަ ބައެއްގެ ތައުރީފު އޮހުނު މި ޕޯސްޓަށް ރޯމިއޯގެ މަންމަ ވިކްޓޯރިއާ ވަނީ އެކަމާއި އުފާވާވަރު ބަޔާންކޮށް ކޮމެންޓެއް ކޮށްފަ އެވެ. އެ ކޮމެންޓުގައި ވިކްޓޯރިއާ ބުނީ ދަރިފުޅު ކުރަމުންދާ މަސައްކަތާއި މެދު އޭނާ އާއި މުޅި އާއިލާ ވެސް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
އެމެރިކާގެ ކުޅިވަރު މީޑިއާތައް ބުނާ ގޮތުން ރޯމިއޯއަކީ ގިނަ މަގާމުތަކަކަށް ކުޅެވޭ، ހާލަތާއި އެއްގޮތަށް ބަދަލުވާން އެނގޭ މޮޅު ކުޅުންތެރިއެކެވެ. އެކަމަކު ވާދަވެރި މެޗުތަކެއްގައި ކުޅެ މެޗް ޕްރެކްޓިސް ހޯދުމަކީ މިވަގުތު އޭނާއަށް އެންމެ މުހިންމު އެއް ކަންތަކެވެ.
ރޯމިއޯގެ ފުރަތަމަ ޑިބަޓް ފޯޓް ލައުޑާޑޭލް ގައި ހަދާނެ ކަމަށް ބެލެވެނީ މިއަންނަ އާދީއްތަ ދުވަހު ޗަޓަނޫގާ ރެޑް ވޮލްވްސް އާއި އެޓީމު ބައްދަލުކުރާ މެޗުގަ އެވެ.
މީގެ ކުރިން ރޯމިއޯ ކުޅެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު ޓީމަށެވެ. އޭނާގެ ބައްޕަ ބެކަމްއަކީ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑްގައި ވެސް ވިދާލާފައިވާ މޮޅު ކުޅުންތެރިއެކެވެ.