ރައްޔިތުންގެ މަޖިލިސް

އައްޑޫގައި ފެންބޮޑުވެފައި ވާތީ މަޖިލީހުގެ ޖަލްސާއެއް

Nov 26, 2015

އައްޑޫ ސިޓީގައި ފެންބޮޑުވެ، ގެއްލުންތަކެއް ލިބިފައި ވާތީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށް އެބަ ގެންދެ އެވެ.

މިއަދު މެންދުރު 1:00 ގައި އެ ޖަލްސާ ފެށުމާ އެކު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އައްޑޫގެ މޫސުން އަދިވެސް ރަނގަޅު ނުވާ ކަމަށާއި އެ ސިޓީގައި މިހާރު ވެސް ފެންބޮޑުވެފައި ވާތީ އާންމުން ތިބީ އަސާސީ ބައެއް ކަންކަން ވެސް ނުފުއްދޭ ހާލަތުގައި ކަމަށެވެ. އަދި އެ ރަށުގައި ބަލި މަޑުކަމެއް ފެތުރުމުގެ ފުރުސަތު އޮތް އިރު އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރޮޒައިނާގެ މައްސަލައިގައި ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ ބަލައިގަންނަން ފާސްވީ 48 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްވުމާ އެކު ބަހުސްގެ މަރުހަލާ ފެށުމުގެ ގޮތުން ރޮޒައިނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ރައްޔިތުންނަށް ވަރަށް ނިކަމެތި ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައެއް އާއިލާތަކަށް ކައްކާ ކައިބޮއެ ނުހެދޭ ހާލަތަށް ވެސް ގޮސްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރުވެސް އައްޑޫ ސިޓީގެ މޫސުމް އެހާ ރަނގަޅެއް ނޫން. އައްޑޫ ސިޓީއަށް ދިމާވެފައި މިވާ ނިކަމެތި ކަންކަންމުން އަރައިގަތުމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އެދެން،" ރޮޒައިނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރަނގަޅު ފެން ހިންދުމާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަަބަބުން އެ ރަށުގައި ބަލި މަޑުކަމެއް ފެތުރުމުގެ ބިރު އެބަ އޮތް ކަމަށެވެ. އަދި އެކަމާ ކުރިމަތިލާން އެކަށީގެންވާ ކްލޮރިން ފަދަ ތަކެތި އެ އަތޮޅުގައި ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މިއީ ސިޔާސީ ކުރަންވީ ކަމެއް ނޫން ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު ދީދީއާއި ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު މިހާރު ވެސް ވީ އައްޑޫ ސިޓީއަށް ގޮސްފަ އެވެ. ސަރުކާރުން ވަރަށް ބުރަކޮށް އެމައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރައްވަމުން ނިހާން ވިދާޅުވީ ޑިފެންސް މިނިސްޓަރާއި އެހެން ވެސް މިނިސްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އެންމެ ބޮޑަށް އަސަރުކޮށް ފެންބޮޑުވެފައި ވަނީ ފޭދު އާއި މަރަދޫ ފޭދުއަށެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން މިކަމުގައި ކަންބޮޑުވެ ވަޑައިގެން ބަސްފުޅެއް ވިދާޅުނުވީތީ ހިތާމަ ކުރައްވާކަން ފާޅު ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެ ހާދިސާ އިން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކުރާ މަސައްކަތްތައް މެންބަރުން ފާހަގަކޮށް ޝުކުރު އަދާ ކުރެއްވި އެވެ.