ރާއްޖެ ބަނގުރޫޓްވުމުގެ ފުރުސަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ އެމަނިކުފާނު މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަމީރަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އެެހެންކަމުން ރާއްޖެ "ޑިފޯލްޓަށް" ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެެހެންނަމަވެސް ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް އަބަދުވެސް ވަކާލާތުކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"މިކަމުގައި ފިނޭންސް މިނިސްޓަރުގެ ކަންބޮޑުވުންވެސް އަޅުގަނޑަށް އެނގޭ. އެއީ ޑެޓް (ދަރަނި) ރީސްޓްރަކްޗަރިންއޭ ބުނާއިރަށް ޓްރެޝަރީ ބޮންޑާ އަޅުގަނޑުމެންގެ ޓްރެޝަރީ ބިލާއި ސަރުކާރުގެ ބޮންޑް މާކެޓްތަކުގައި މަގުބޫލުކަން ގެއްލޭގޮތްވާނެ. އެހެންވީމާ އޭގެން ލިބޭ ގެއްލުން ބޮޑުވާނެ" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ ޑިފޯލްޓަކަށް ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއާ ވަނީ ކައިރިކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީން ވަނީ ރާއްޖޭގެ ދަރަނި މާބޮޑު ކަމަށް ބުނެ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އިން ސީއޭއޭ އެކަކަށް ދަށްކޮށްފަ އެވެ.
މޫޑީސް އިން ބުނީ ރާއްޖޭގެ ދަރަނި ބޮޑުވުމާއެކު ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެއްކޮށް ނުދެއްކި، އެކްސްޗޭންޖް ރޭޓް މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކްރެޑިޓް ރޭޓިން ކުންފުނި ފިޗްއިން ވެސް މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ދަށްކުުރި އެވެ. އެފަހަރު ރައީސް ނަޝީދު ވިދާޅުވީ ކްރެޑިޓް ރޭޓިން އޭޖެންސީގެ ވާހަކަތައް އަޑުއަހަން ޖެހޭ ކަމަށާއި އަދި ހާއްސަކޮށް ޗައިނާއިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށެވެ.