ދިވެހިރާއްޖެ ބަނގުރޫޓްވާ ކަމަށް ބުނެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ބަނގުރޫވާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށް މިނިސްޓަރު އަމީރު ވިދާޅުވީ މި ދަނޑިވަޅުގައި އިގުތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށެވެ.
"ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި، ސަރުކާރު ބަލިކަށިކޮށް، މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް، ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި." އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދަތިތަކާއި ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށާއި ކޮވިޑުން އަރައިގަނެ އެންމެ އަވަހަށް ކުރިއަރާ އިގުތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީ ކަމުގައި އެދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން." އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ ލަފާކޮށް ހުށަހެޅި ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ތެލަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިކަންކަމާއި ގުޅޭ ގޮތުން އަޅުގަނޑަށް ޝައްކު އުފެދޭތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ސްރީލަންކާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށްފަހު ގާނާ ސަރުކާރާއެކު މަސައްކަތް ކުރެއްވި ކަމަށާއި އެ ދެ ގައުމުވެސް ދިޔައީ "ބަނގުރޫޓުގެ މަގަށް" ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށްވެސް ވަރަށް ބޮޑު ލަދުވެތި ކަމަކަށޭ ވެގެން ދާނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން އެމަގަށް ދިޔަދީގެން ނުވާނެ ކަމަށާއި މިވަގުތު ދައުލަތުގެ މާލިއްޔަތު ހުރި ގޮތް ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ މައުލޫމާތު އާންމުކޮށް އެނގެންޖެހޭ ކަމަށް ވިދާޅުވި އެވެ.