ފިނޭންސް މިނިސްޓްރީ

އަންދާޒާކުރި ވަރަށް ރިޒާވް ހިފެހެއްޓޭނެ: އަމީރު

އަންދާޒާކުރި އަދަދަށް މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ފާހަގަކޮށްފައިވާ އަދަދަށް އަހަރު ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެ ކަމަށެވެ.

މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 657.3 މިލިއަން އެމެރިކާ ޑޮލަރެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި ރިޒާވްއަށް އަސަރުކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ.

"ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެހެން ގައުމުތަކުގެ ރިޒާވް އަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވޭ،" އަމީރު ވިދާޅުވި އެވެ.

ރިޒާވަށް އަންނަ ލޮޅުންތައް މިޓިގޭޓް ކުރެވޭނެކަމަށް ވިދާޅުވެ މިނިސްޓަރު އަމީރު ވިދާޅުވީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފްޓް ފެސިލިޓީއަކާއި ސާކް އެރޭންޖްމަންޓްގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ]އާ އެކު 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އެބައޮތް ކަމަށެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ރިޒާވްގައި ހުރީ 658 މިލިއަން އެމެރިކާ ޑޮލަރެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް [އެސްޑީއެފް] ޖެނެރަލް ރިޒާވަށް ބަދަލުކުރީ އެމްއެމްއޭއާ ވާހަކަ ދައްކައިގެން ކަމަށެވެ. އެމްއެމްއޭއާ ވާހަކަ ދައްކައިގެން އެސްޑީއެފް ޑޮލަރުން ދަމަހައްޓަން މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެސްޑީއެފްއާ ބެހޭ މާއްދާތައް ހުންނާނެ ކަމަށާއި ފަންޑަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައިވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.