ފިނޭންސް މިނިސްޓްރީ

އޮފީސްތަކުން ހަރަދު ކުޑަކުރަން އަންގައިފި

ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާ އެ ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކަށް އަންގައިފި އެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކަށް ފޮނުއްވި އެންގުމުގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާ ކަމަށެވެ. ދައުލަތުގެ ހޭދަ މަތިވުމުގެ އެއް ސަބަބަކީ ތެލުގެ އަގު ބޮޑުވުން ކަމަށްވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ދައުލަތުގެ ހޭދަ އިތުރުވެފައިވާ ކަމަށެވެ.

އެހެން ކަމުން ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވެއެވެ. އެ ގޮތުން މުވައްޒިފުންގެ ޕްރޮމޯޝަންތައް މެދުކަނޑާލުމަށާއި ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑީގައި ކޮންމެހެން ކުރުވަން ޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށެވެ. އަދި ދައުލަތުން ހަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒިފުންނަށް ދޭ ސްކޮލާޝިޕްތައް މިވަގުތު ނުފެށުމަށާއި ހިދުމަތް ހޯދުމުގައި ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ނޫނީ ނު ހޯދުމަށެވެ.

މީގެ އިތުރުން މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށް އެދިފައިވެއެވެ. އަދި އޮފީސްތަކުން ކުރާ ކަމަކަށް 5،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށާ އެފަދަ އިން ކުރާ ކަމެއްވެސް އެއީ ކޮންމެހެން ކުރަން ނުޖެހޭ ކަމެއް ނަމަ ނުކުރުމަށެވެ.

ފިނޭންސްގެ އެންގުމުގައި ވަނީ މާދަމާއިން ފެށިގެން އެ ނިންމުންތަކަށް އަމަލު ކުރުމަށް އަންގާފައެވެ.

އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރީން ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 8 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ރާއްޖެއަށްވެސް ކުރާނެ ކަމަށާ އެއީ ގަބޫލު ކުރަން ޖެހޭނެ ހަގީގަތެއް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބައެއް ދިމަދިމާއިން ފަތުރަމުން ދަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ ދެ އަހަރުގެ ތެރޭގައި 70 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަަމަށާ ދައުލަތުގެ ބަޖެޓަށްވެސް 35 ބިލިއަން ރުފިޔާ ނުވަދެދިޔަ ކަމަށެވެ.

ލޯން ނަގަން މަޖުބޫރުވީ އެކަމުގެ ސަބަބުން ކަމަށާ ލޯނު ނެގީ އިގްތިސާދު ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

"އެކަމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުމުގެ ތެރެއަށް ގޮސް ހާސްކަމުގެ ތެރެއަށް އެބަދޭ. ބައެއް މީހުން މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމަށް ކަމުގައި ފާހަގަކުރަންޖެހޭ. ނަމަވެސް މިއީ ސިޔާސީ ކޮށްގެން ދައްކައިގެން ވާނެ ވާހަކަތަކެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އެ ދުވަހު ވިދާޅުވީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށެވެ. އަދި ނަގާފައިވާ ލޯނުތަކާއެކު ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖް މަޝްރޫއު އާއި ގުޅިފަޅު ޕޯޓްގެ މަޝްރޫއު ފަދަ މަޝްރޫއުތަކަކީ ލޯން ހަމަޖެހިފައިވާ މަޝްރޫއުތަކަށްވާތީ އެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާނެ ކަމަށެވެ.