އައިއެމްއެފް

އޭޝިއާގައި އިގްތިސޯދީ ދުވެލި އެންމެ ރަނގަޅު ގައުމުގެ ގޮތުގައި ރާއްޖެ

Dec 13, 2021
1

އޭޝިއާގެ ގައުމުތަކުގެ ތެރެއިން އަންނަ އަހަރު އެންމެ ބާރަށް ކުރިއަރައިގެންދާނެ ގައުމަކަށް ދިވެހިރާއްޖެ ވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

ގައުމުތަކުގެ އިގްތިސާދީ ކުރިއެރުންތަކާ ގުޅޭގޮތުން އައިއެމްއެފް އިން އެކުލަވާލާފައިވާ ތަފާސްހިސާބު ހިމެނޭ ރިޕޯޓެއްގައި ވަނީ އަންނަ އަހަރު އޭޝިއާ ސަރަހައްދުން އެންމެ ބާރަށް ކުރިއަރާ ދެ ގައުމުގެ ތެރޭގައި ރާއްޖެ ހިމަނާފަ އެވެ. އެގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.21 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އައިއެމްއެފްގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާގެ ބައެއްގެ ގޮތުގައި ހިންގުމުގެ މިނިވަންކަމެއް ދީފައިވާ މަކާއޯ އެވެ. އެތަނުގެ އިގްތިސާދީ ކުރިއެރުން އަންނަ އަހަރު 37.6 ޕަސަންޓްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސަރަހައްދީ އެހެން ގައުމުތައް ކަމަށްވާ ހަތަރުވަނައިގައި އޮތް އިންޑިއާގެ އިގްތިސާދު 8.52 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ހަތްވަނައިގައި އޮތް ބަންގްލަދޭޝްގެ އިގްތިސާދީ ކުރިއެރުން 6.54 ޕަސަންޓްގައި ކުރިއަރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު އިގްތިސާދީ ކުރިއެރުން އެންމެ ރަނގަޅަށް ހުންނާނެ ކަމަށް ލަފާކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް ކޮވިޑް 19އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ގައުމަކީ ރާއްޖެ އެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ ގައުމުތަކާއި އަދި ރާއްޖޭގެ ބޯޑަރު ވެސް ބަންދުކުރުމާ ގުޅިގެން މިދިޔަ އަހަރުގެ ބޮޑު ބައެއް ދިޔައީ ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރުމަށް ހުއްދަ ނުލިބި އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ ޖުލައި 15ގައި ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އިތުރުވެ ރާއްޖޭގެ އިގްތިސާދު މިހާރު ދަނީ ހަމައަކަށް އެޅެމުންނެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ 33.5 ޕަސަންޓް ދަށަށް ގޮސްފަ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން މިއަހަރު ނިމޭއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 28.1 ޕަސަންޓާއި 38.5 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފަ އެވެ. ނަމަވެސް ކޮވިޑްގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އަލުން އަންނާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2023 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.