އަދާލަތު ޕާޓީ

ނުފޫޒުގެ ވާހަކަދައްކަނީ ވައްކަން ފޮރުވަން: އަދާލަތު ޕާޓީ

Sep 5, 2021
2

ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ވާހަކަތައް ބަޔަކު ދައްކަމުން ދަނީ ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ އެ މައްސަލަތަކުން ރެކިގަތުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައި މިވަނީ އެ ޕާޓީ އަށް ނިސްބަތްވެވަވަޑައިގަންނަވާ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވަމުން ގެންދަވާ ކަމަށް ކުރީގެ ބައެއް ފަނޑިޔާރުން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެހެންކަމުން އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނަކީ އަލީ ޒާހިރުގެ ދިފާއުގައި ނެރުއްވި ބަޔާނެއް ނަމަވެސް އަލީ ޒާހިރުގެ ނަން ބުނެފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް، އަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ އަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް އެއްވެސް ހަމައެއް ލަމައެއް ނެތި ހާމަކަން ބޮޑުގޮތެއްގައި ސުޕުރީމް ކޯޓާއި އެންމެހާ ޝަރުއީ ކޯޓުތައް ހިމެނޭހެން ޝަރުއީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި، ގާނޫނު ހަދާ މަޖިލީހާއި، ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ގަދަރު ކުރީގެ ސަރުކާރުގައި ގެއްލުވާލި ކަމަށެވެ.

އަދާލަތުގެ ބަޔާނުގައި ވަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް މި ސަރުކާރުގެ ނުފޫޒެއް ނެތި ބަލަމުންދާތީ ޝަރުއީ ދާއިރާގެ އަގުވާއްޓާލާ، އަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކޮށްފަ އެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި ހިންގާ އެފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަތުމަށް ކުރާ ކަމެއް ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

"ހަމައެއާއެކު އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ގަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލަމެވެ." އަދާލަތުގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.