ރައީސް މުހައްމަދު ނަޝީދު

ލިބުނު އަނިޔާގެ ބަދަލު ބޭނުން: ނަޝީދު

ހައެއްފަހެއްގެ ހަމަލާގައި ލިބުނު އަނިޔާގެ ބަދަލު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ލިބުނު ޒަހަމްތަކުގެ ދިޔަ ނަގަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

ހަމަލާއާއި ގުޅިގެން ލިބިފައިވާ ޒަހަމްތަކަށް ޖެހޭ ދިޔައިގެ ކަންކަން ކަނޑައެޅުމަށްޓަކައި، މުއްތަހަމުން ކުރެން، ކާކު ކުރީ ކޮން އަމަލެއްތޯ ދެނެގަތުމަށް ލިޔުންތައް ހޯދުމަށް ޕީޖީ އޮފީހުގައި އެމަނިކުފާނުގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ލިޔުންތައް ދިނުމަށް ދައުލަތުގެ ފަރާތުން ދެކޮޅު ނުހަދާނެ ކަމަށާއި އަދި ފުލުހުން ވެސް އެފަދަ ކަމަކަށް ހުރަސް ނާޅާނެ ކަމަށެވެ. ވަކީލުންނާއި ސަރުކާރުން ގުޅިގެން އެކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލި އައްސިވެފައިވާ ކަމަށާއި އިނގިލިތައް ރަނގަޅު ވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ދެއްވާ ކަމަށެވެ. އެކަމަކު އެމަނިކުފާނަށް އެއީ "ފަނޑު އުއްމީދެއް" ކަމުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ތިން ހަފްތާ އަކުން އެއް ހަފްތާ ޑޮކްޓަރަށް ދައްކަންޖެހޭތީވެ ކުރިން ލަފާ ކުރި ގޮތަށް މިމަހުގެ ފަހުކޮޅު މިހާރު ރާއްޖެ ވަޑައިނުގެންނެވޭ ކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވޭ އިތުރު ތާރީހެއް ވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

ހަމަލާއާއި ގުޅިގެން ދައުވާ ކުރަން ފުލުހުން ފޮނުވި އަހުމަދު ފާތިހަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައެޅުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އަދިވެސް ތަހުގީގު ކުރިއަށް ގެންދާއިރު ފަސް މީހެއްގެ ތަހުގީގު އަދިވެސް އަންނަނީ ކުރަމުންނެވެ. ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.