ޕޮލިޓިކްސް

އެމްއާރްއެމް އާއި ޖޭޕީން ނަޝީދަށް ރައްދު ދީފި

ވެރިކަމުގެ ނިޒާމުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތާއީދު ނުކުރި ކަމަށާއި އަދާލަތާއި އެމްއާރްއެމް އިން ތާއީދުކުރި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ޖޭޕީއާއި އެމްއާރްއެމުން ރައްދު ދީފި އެވެ.

އެމްއާރްއެމުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެ ކަމަށެވެ.

އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ވެސް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް އަލުން ނިޒާމީ ވޯޓަކަށް ދިއުމަށް އެއްވެސް އިރެއްގައި އެމްއާރްއެމުން އެއްބަސްވެފައި ނޯންނާނެ ކަމަށެެވެ

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ޓުވީޓެއް ކުރައްވާފަ އެވެ. އަމީން ވިދާޅުވީ ވަކި ކަމަކާމެދު ޕާޓީއަކުން ނޫނީ ވަކި މީހަކު ތަފާތު ގޮތެއް ބޭނުންވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދުކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިހާދުގެ މެނިފެސްޓޯއަށް މިހާރު އެކަމެއް ލުމަށް އޮތް ހުއްޖަތެއްވެސް ނޫން ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ކުރަން އެއްބަސްވި ކަންކަން އެ ޕާޓީތަކުގެ މެނިފެސްޓޯއިން ފެންނަން އެބަހުރި ކަމަށެވެ. ވަކި ޕާޓީއެއް ބޭނުންވިޔަސް އޭގައި ނެތުމުން ދޭހަކޮށްދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ދައުރު އޮތީ ދެބައިވެފައި ކަމަށާއި، އެހެންކަމުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކައިގެން މިހާރު ކުރިއަށް ދާންޖެހޭ ކަމަށެވެެ. ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުނު އިރު އެމަނިކުފާނު ނިކުންނެވީ އެމްޑީޕީގެ މެނިފެސްޓޯއާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު ޕާޓީތަކާއި އެކު ކޯލިޝަން ހަދަންޖެހުމުން އެ ޕާޓީތަކުން އެދުނު މެނިފެސްޓޯއަށް ތާއީދުކުރައްވަން ޖެހިގެން ކުރެއްވީ ކަމަށެވެ. އެހެންނަމަވެސް ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އަދާލަތު ޕާޓީއާއި އެމްއާރްއެމުން ތާއީދުކުރެއްވި ކަމަށާއި، އެކަމަށް ތާއީދުނުކުރީ ހަމައެކަނި ޖޭޕީން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓަކީ ކަމަކާ މެދު ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް ކުރާ ކަމެއް ކަމަށާއި، އެކަން ނުކޮށް ވަކިކަމަކަށް ތާއީދު އޮތް ކަމަށް ނުބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.