އެމްޑީޕީ

ކުރީގެ ފަނޑިޔާރުންގެ ބޭނުމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުން: އެމްޑީޕީ

މިހާރުގެ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ވާހަކަ ދައްކަމުން ދަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯ ތަކެއް ލީކް ވުމާ ގުޅިގެން ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އިއްޔެގެ ބައްދަލުވުމުގައި ކުރީގެ ފަނޑިޔާރުން ވިދާޅުވީ އެ ބޭފުޅުން ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ، މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން އަންގަވާ ނުފޫޒު ފޯރުއްވި ކަމަށެވެ.

ކުރީގެ ފަނޑިޔާރުންނަށް ރައްދުދީ އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންގެ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އަދި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވާ ކަމަށެވެ. އަދި މިހާރުގެ ފަނޑިޔާރުން ކުރީގެ ފަނޑިޔާރުންގެ ވާހަކަތައް ދޮގުކޮށްފައިވުމާއެކު ކުރީގެ ފަނޑިޔާރުންގެ ވާހަަތަކުގައި އަސާސެއް ނެތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ބައިވެރިވި ކުރީގެ ފަނޑިޔާރުންނަކީ އެ ބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސާބިތުވެފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ބޭފުޅުން ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"މިޕާޓީން ދެކޭ ގޮތުގައި އިސްވެ ދެންނެވި ޕްރެސް ކޮންފަރެންސްގެ ހަމައެކަނި މަގުސަދަކީ ރައީސް ޔާމީންގެ ޝަރީއަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީއަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރުމެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގެ ހަގީގަތް އޮޅުވާލައި އެކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމެވެ." ބަޔާނުގައިވެ އެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އޯޑިއޯ ތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރު ކަމަށްވެސް އެތަނުން އެއް އޯޑިއޯ އެއްގައި ބޭފުޅަކު ވިދާޅުވެ އެވެ.