ހަބަރު

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ފާސްކޮށްފި

އުމުރުން 18 އަހަރު ފުރުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު ހުށަހަޅުއްވާފައިވާ ބިލުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

މިގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އުނި ކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭނާ ހުށަހެޅުއްވި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ކުއްޖަކަށް މަރުގެ އަދަބު ނުދެވޭ މާއްދާ އެވެ.

އަދި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް ޖީހާން ވަނީ ހުށަހަޅުއްވައިފަ އެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.

އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.

މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރުމުގެ ކުރިން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭ ގޮތަށް ވަނީ މެންބަރުންގެ އަގުލަބިއްޔަތުން ބަދަލުކޮށްފައި އެވެ.

ޖީހާން ހުށަހެޅުއްވި ބިލަށް ގެނެވެނު އިސްލާހުތަކާއެކު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.