ހަބަރު

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ އިސްލާހު ބަލައިގެންފި

އުމުރުން 18 އަހަރު ފުރުމަށް ފަހުގައި ވެސް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު ހުށަހަޅުއްވާފައިވާ ބިލުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

މިގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އުނި ކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭނާ ހުށަހެޅުއްވި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ކުއްޖަކަށް މަރުގެ އަދަބު ނުދެވޭ މާއްދާ އެވެ.

އަދި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް ޖީހާން ވަނީ ހުށަހަޅުއްވައިފަ އެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.

އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.

މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން ވަނީ ބަލައިގެންފައި އެވެ.

އެ ބިލު ބަލައިގަތުމުން، އިތުރަށް ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ އެވެ.