ކުޅަދާނަ ބަތަލާ ކަންގަނާ ރަނާވަތު މިހާރު ތައްޔާރުވަމުން ދަނީ އޭނާ އެންމެ ފަހުން ކުޅުނު އެއް ފިލްމު ކަމަށްވާ "ތަލައިވީ" ރިލީޒް ކުރުމަށެވެ. ނަމަވެސް މި ފިލްމުގައި ރިލިޒް ކުރަން ކަންގަނާއަށް ވަރަށް ގިނަ ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ. އިންޑިޔާގެ އެންމެ ބޮޑެތި މަލްޓިޕްލެކްސްތައް ހިންގާ ތިން މީހަކު އެ ފަރާތުގެ ސިނަމާތަކުގައި މި ފިލްމު އަޅުވަން ދެކޮޅު ހެދުމުންނެވެ.
މި ފިލްމު 10 ސެޕްޓެމްބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ފިލްމު އަޅުވައިދޭން އެއްބަސް ވެފައިވަނީ މަދު ބައެކެވެ. މިއީ ކަންގަނާ އަށް ލިބިފައިވާ ވަރަށް ބޮޑު ހިތާމައެއް ކަމަށް އޭނާ ސިފަ ކުރެ އެވެ.
އިންސްޓަގްރާމްގައި ކަންގަނާ ޝެއާ ކުރި މެސެޖެއްގައި މަލްޓިޕްލެކްސްތަކުގެ ވެރިންގެ މެސެޖު ޝެއާ ކޮށްފައި ވެއެވެ. އަދި އެގޮތަށް ކަންތައް ނުކޮށް މިފަދަ އުނދަގޫ ވަގުތެއްގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ކަންގަނާ ވަނީ އިލްތިމާސް ކޮށްފަ އެވެ. ކަންގަނާ ބުނެފައިވާ ގޮތުގައި އޭނާއަށް ވެސް އޯޓީޓީ ޕްލެޓްފޯމްގައި ފިލްމު ރިލީޒްކޮށްލައިގެން ފައިދާ ހޯދިދާނެ އެވެ. ނަމަވެސް ސިނަމާތައް ދިރުވުމަކީ ވެސް މި ވަގުތަށް ކުރަން ޖެހޭ ކަމަކަށް ވާތީ ފިލްމު ސިނަމާގައި އަޅުވަން ބޭނުން ވަނީ އެވެ.
މި ފިލްމު އަޅުވައިދޭން ބޮޑެތި ސިނަމާތަކުގެ ވެރިން ދެކޮޅުހަދަނީ އެމީހުން އެދޭ ގޮތަށް "ތަލައިވީ"ގެ ޕްރޮޑިއުސަރުން އެއްބަސް ނުވެގެންނެވެ. ސިނަމާތަކުގެ ވެރިން ބޭނުންވަނީ މަދުވެގެން ހަތަރު ހަފުތާއަށް ފިލްމު އެކްސްކުލޫސިވްކޮށް ސިނަމާތަކުގައި ދައްކަން އެއްބަސް ވުމަށެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސިނަމާތަކަށް ވަންނަ މީހުން މަދުވުމުން އެނޫން ގޮތަށް އެ ފަރާތަށް އެއްވެސް ފައިދާއެއް ނުލިބޭނެތީ އެވެ. މި ފަހަކުން ސިނަމާތަކުގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އާއި އަމީތާބު ބައްޗަންގެ "ޗެހެރޭ"ވެސް ރިލީޒްކުރީ މިގޮތަށް އެއްބަސް ވެގެންނެވެ.
"ތަލައިވީ"ގެ ޕްރޮޑިއުސަރުން ކުރިން ނިންމާފައި އޮތީ އޯޓީޓީ ޕްލެޓްފޯމެއްގައި ފިލްމު ރިލީޒްކުރާށެވެ. ނަމަވެސް ފަހުން ޚިޔާލުބަދަލުވެ ސިނަމާތަކުގެ ވެރިން ބުނި ގޮތަށް އެއްބަސްވެގެން ސިނަމާތަކުގައި ރިލީޒްކުރަން ނިންމީ އެވެ.
އިންޑިޔާގެ މަޝްހޫރު ޕޮލިޓީޝިއަން ޖަޔާ ލަލީތާގެ ހަޔާތުގެ ވާހަކައަށް ކުޅެފައިވާ "ތަލައިވީ" އަށް ސައުތު އިންޑިޔާގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް މައްސަލައަކީ ތިއޭޓަރުތަކަށް މީހުންނަށް ވަދެވެނީ އެ ތަނެއްގެ ކެޕޭސިޓީގެ 50 ޕަސެންޓަށް ކަމަށް ވާތީ އެވެ.