ވާހަކަ

ވީމޭ ކަލާޔާނުލާ

(03 ސެޕްޓެމްބަރ 2021 އާ ގުޅޭ)

"ޒަކްވާން.." ލިވިޔާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ލިވިޔާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މަޑުމަޑުން ކަރުނަތައް އޭނާގެ ލޮލުގެ އެސްފިޔަތައް ފޫ އަޅުވާލައިފައި ފައިބަން އަނެއްކާ ވެސް ފެށިއެވެ. ލިވިޔާގެ ކުރިމަތީގައި ހުއްޓިގެން ހުރި ޒަކްވާންގެ ޙާލަކީ ވެސް ހަމަ އެއީ އެވެ. ޒަކްވާނަށް ވެސް ވަނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.

"ޒަކްވާން." ލިވިޔާގެ އަޑު ވަނީ މުޅިން ކުރަކި ވެފައެވެ. ލިވިޔާ ގޮސް ހިފައިލީ ޒަކްވާންގެ ކަނާއަތުގައެވެ. ވަރަށް މަޑުމަޑުންނެވެ. އަދި ލިވިޔާ ލަސްލަހުން ތިރިވަމުން ގޮސް ޖެހިގަތީ ޒަކްވާންގެ ފައިބުޑަށެވެ.

"އާދޭސް ކޮށްފަ މިބުނަނީ.. އަހަރެން އެކަނި ދޫކޮށްލާ! އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއް ދެރަ ކުރާކަށް. އަހަރެން ނޭދެން ޒަކްވާން ދެރަ ވާކަށް ވެސް. އަހަރެން ވަރަށް މަސައްކަތުން ޝަހުރުގެ ދިރިއުޅުމުން މި ނުކުމެ ވުނީ.. އަހަރެންގެ މައިންބަފައިންގެ ހިތުގަ ޖައްސާފަ އަހަރެން މަސައްކަތް ކުރީ ތި ޢާއިލާއަށް އުފާ ހޯދައިދޭން. އެކަން އަހަރެން މި ކުރީ.. ދެން އަހަރެން ބޭނުން ވަނީ ތި މުޅި ޢާއިލާއާ ދުރަށް ދާން. އަހަރެންނަށް މިކަމަށް ފުރުޞަތު ދީ.. ހެޔޮނުވާނެ! އާދޭސް ކޮށްފަ މިބުނަނީ." ލިވިޔާ ރޮމުން ސަލާން ޖަހަން ފެށިއެވެ. ލިވިޔާގެ އެހަރަކާތްތައް ބަލަން ކުޑަ ހިނދުކޮޅަކަށް ވެސް ޒަކްވާނަށް ކެތްވާ ގޮތެއް ނުވިއެވެ. ޒަކްވާންގެ ދެއަތުން ލިވިޔާ ކޮޅަށް ނެގިއެވެ. އަދި ޒަކްވާންގެ އަތުގެ ނުފުށުން ލިވިޔާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެން ފެށިއެވެ. އޭރުވެސް ލިވިޔާ ރޮމުން ވާހަކަދައްކަމުން ދިޔައެވެ. ލިވިޔާ ދިޔައީ ޒަކްވާންގެ ކިބައިން އާދޭސް ކުރަމުންނެވެ.

"ހެޔޮނުވާނެ ލިވިޔާ! ތިވަރަށް ނުރޮއި. އަހަރެން ލިވިޔާ ނޭދޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނަމޭ. އަހަރެން ބޭނުން ނުވަނީ ލިވިޔާ އެކަނި ދޫކޮށްލަން. އަހަރެންނަށް އެނގޭ ލިވިޔާގެ އެއްވެސް ކުށެއް ނެތްކަން. އަހަރެން ބޭނުން ވަނީ ލިވިޔާއަށް އެހީވާން.. އަހަރެންނަށް އެފުރުޞަތު ދީ.. ޕްލީޒް.." ޒަކްވާން ހިފަހައްޓައިގެން ހުރީ ލިވިޔާގެ ކޮނޑުގައެވެ. ލިވިޔާ ދެފަރާތަށް ބޯހުރައިލީ ނޫނެކޭ ބުނާ ފަދަ ބީދައަކުންނެވެ.

"ނޫން! ނޫން! އަހަރެން ބޭނުން ވަނީ ތި ޢާއިލާގެ ކިބައިން ސަލާމަތް ވާން. މުޅި އުމުރަށް ތިޢާއިލާއާ ދުރަށް ދާން.. ތި ޢާއިލާ މަތިން ހަނދާން ނައްތާލަން އަހަރެން ބޭނުމީ." ލިވިޔާ އަޑަށް ބާރެއް ލާފައި އެހެން ބުނެލީ ރޮމުން ގިސްލަމުންނެވެ.

"ތި ވިސްނަނީ ނުބައި ކޮށޭ ލިވިޔާ.." ޒަކްވާން އަދިވެސް ހިފަހައްޓައިގެން ހުރީ ލިވިޔާގެ ކޮނޑުގައެވެ.

"ބަލަ ކިހިނެއް ލިވިޔާ ތިބޭނުންވާ ކަމެއް ކުރާނީ؟ ލިވިޔާގެ ދަރިފުޅުގެ ޢާއިލާއޭ މީ.. ކޮންމެ ގޮތެއް ވިޔަސް ލިވިޔާގެ ބަނޑުގަ ވަނީ އަހަރެންގެ ޢާއިލާގެ ލޭ. ވަކި ބަޔަކު ކުރާ ކުށެއްގެ އަދަބު އަހަރެންނަށް ނުދީ.. އަހަރެން ވެސް ސަލާން ޖަހާފަ މިބުނަނީ.." ޒަކްވާން ބަލައިލީ ލިވިޔާގެ ކަރުނައިން ފުރިފައިވާ ދެލޮލަށެވެ.

"އެކަމު ވެސް، އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުން ވަނީ ތި ޢާއިލާގެ ކިބައިން ސަލާމަތް ވާން.." ލިވިޔާގެ ކޮނޑުގައި ބާއްވާފައި އޮތް ޒަކްވާންގެ އަތް ދުރުކޮށްލަމުން އޭނާ ބުނެލިއެވެ.

"އަހަރެން މިހުރީ އަހަރެންގެ ޢާއިލާ ދޫކޮށްލަން ތައްޔާރަށް.. އަހަރެންގެ ކިބައިގަ އަހަރެންގެ ޢާއިލާގަ ހުރި ޖަނަވާރު ސިފައެއް ނެތް. އަހަރެންގެ ޢާއިލާގަ ތިބި އިންސާނުން ސިފައިގަ ތިބި ޖަނަވާރުންގެ ކިބައިން އަހަރެން ސަލާމަތް ކޮށްދީ!" ޒަކްވާންގެ ދުލުން ބޭރުވެގެން ދިޔަ ޖުމުލަތަކާ އެކުގައި ލިވިޔާއަށް ހުއްޓުން އެރިއެވެ. ލިވިޔާ ބަލައިލީ ޒަކްވާނަށެވެ. ޒަކްވާންގެ މޫނުމަތިން ފެންނަނީ މޮޅިވެރި ކަމާއި، އިންތިހާއަށް ހިތްދަތިކަމެވެ.

"ހެޔޮނުވާނެ! ލިވިޔާ ޕްލީޒް! އަހަރެން އެފަދަ އަނިޔާވެރި ޢާއިލާއަކަށް ދޫކޮށް ނުލާ! އަހަރެންގެ ޢާއިލާގެ ކިބައިން، ލިވިޔާ އަހަރެން ސަލާމަތް ކޮށްދީ.. އަހަރެންގެ ނުހުރޭ އެ ހިތްހަރު ކަމެއް. އެ ވިޔާނުދާ އުޅުމެއް.." ޒަކްވާން ދައްކަމުން ދިޔަ ވާހަކަތައް ވެގެން ދިޔައީ ލިވިޔާގެ ހިތުގެ ޢަޒުމަށް ކުޑަ ބަލިކަށި ކަމެއް ގެނުވި ވާހަކަތަކަށެެވެ. ޒަކްވާނާ ދުރުވާން ނިންމި ނިންމުމަށް އެރި ލޮޅުމަކަށް ޒަކްވާންގެ ވާހަކަތައް ލިވިޔާއަށް ވަމުން ދިޔައެވެ.

"އަހަރެން ސަލާމަތް ކޮށްދޭނަންތަ؟ އަހަރެން ބޭނުން އެފަދަ އަނިޔާވެރި ބައެއްގެ ކިބައިން ސަލާމަތް ވާން. ޕްލީޒް! އަހަރެމެން ދެމީހުން ވެގެން އެތައް ކަމެއް ވާނޭ. މި އަނދަވަޅުން އަރައިގަނެވޭނޭ. ޕްލީޒް.. އޯކޭ ދޯ؟" ޒަކްވާން ދިއްކޮށްލީ އޭނާގެ ކަނާއަތެވެ. ލިވިޔާ ލޮލުގެ ހިމަކޮޅުން ބަލައިލީ ޒަކްވާންގެ އަތަށެވެ. ޒަކްވާން ބަލަހައްޓައިގެން ހުރީ ލިވިޔާގެ މޫނަށެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށްފަހު، ލިވިޔާ މަޑުމަޑުން އޭނާގެ އަތް ހިއްލައިލިއެވެ. އަދި ޒަކްވާންގެ އަތުގައި ހިފައިލީ ފުންކޮށް ނޭވާއެއް ދޫކޮށްލަމުންނެވެ.

****

ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލިފިއެވެ. ޝަހުރު އިނީ އޭނާގެ ގޭގެ ސިޓިންގރޫމްގައެވެ. ޝަހުރާ އެކުގައި އޭނާގެ މައިންބަފައިންނާއި ޔޫހާ އާއި އޭނާގެ މައިންބަފައިން ވެސް ތިއްބެވެ.

"އަހަރެން ނިންމައިފިން މާދަމާ ޔޫހާއާ ރަން ކިޔަން. އިތުރަށް ލަސް ކުރާކަށް އަހަރެމެން ބޭނުމެއް ނުވޭ.." ޝަހުރު އެހެން ބުނެލީ ޔޫހާގެ އަތުގައި ހިފައިލުމަށްފަހުގައެވެ. ހުސްނާ ފުޅާ ހިނިތުންވުމަކާ އެކުގައި ބަލައިލީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ރާދާ އަށެވެ. އެދެމީހުންގެ ހުވަފެން ތަކުގައި ކުލަޖެހި ޖަރީ ވަމުން ދާތީއެވެ. އެ މަޖިލީހުގައި ތިބި އެންމެންގެ މޫނުމަތިން ކުއްލިއަކަށް ހިނިތުންވުން ފިލައިގެން ދިޔައީ، ކުއްލިއަކަށް ގޭގެ ތެރެއަށް ޒަކްވާން ވަނުމާ އެކުގައެވެ. ދެއަތުން އަތްތިލަ ބަޑި ޖަހަމުން ޒަކްވާން ގެއަށް އައިސް ވަނީ އެއްވަރަކަށް "މަރުޙަބާ" ގޮވަމުންނެވެ. ހުސްނާ އާއި ޝީލާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

"ހާސް ނުވޭ! އުފާ ފައުޅު ކުރަމުން ގެންދޭ! އެކަމު ދޮންބޭ.." ޒަކްވާން ގޮސް އޭނާގެ އަތް ބާއްވައިލީ ޝަހުރުގެ ކޮނޑުމަތީގައެވެ. އަދި ވަރަށް ރީތިކޮށް ޝަހުރަށް ބަލައިލިއެވެ.

"ދޮންބޭ. މި ސިކުނޑިން ވިސްނާލަބަލަ!" ޒަކްވާން އޭނާގެ ސަހާދަތް އިނގިލި ޖައްސައިލީ ޝަހުރުގެ ބޮލުގައެވެ.

'ދޮންބެ އަދި ދެރަ ވާނެ. ޔަޤީން! އަހަރެން ރަންގަނޑެއް ދޫކޮށްލައިފިން.. އެކަމު، އެއީ އެރަންގަނޑު އަހަރެންގެ ދޮންބެއަށް ލިބުނީމަ. ދޮންބެ އެ ރަންގަނޑު ދޫކޮށްލާ، ގާ ހޮވަން ފެށީމަ، އޭގެ މާނައަކީ އަހަރެން ދޫކޮށްލި ރަންގަނޑު ގާތަށް އަހަރެން އެނބުރި ދާން ނުޖެހޭނެ ރީޒަންއެއް ނޫނޭ." ޒަކްވާން ދައްކަމުންދާ ވާހަކަ ޝަހުރު އަޑު އަހަން ހުރީ ރުޅިވެރި މޫނެއްގައެވެ.

"އައިމް ސޮރީ! އެއީ އަހަރެންނަށް އަހަރެންގެ ހިތުގަ ލިވިޔާއަށް އޮތް ލޯބި ސިއްރު ކުރެވުނީމަ. އެއްވެސް އިރެއްގަ ލިވިޔާ އަހަރެން ދެކެ ނުވޭ ލޯތްބެއް. އަހަރެން މިއުޅެނީ ލިވިޔާ ފަހަތުން. އެހެން ހުއްޓާ ދޮންބެއަށް ލިވިޔާ ލިބުނީ.. އަހަރެން އުފާ ކުރީމޭ.." ޒަކްވާން ލުއިކޮށް ހީނލިއެވެ. ޝަހުރު ހިތްހަމަ ނުޖެހިގެން ޒަކްވާންގެ އަތް ހޫރައިލިއެވެ.

"ކީކޭ ބުނަން ތިއުޅެނީ؟ ކޮބާ ކޮއްކޮ ސާބިތުކޮށްދޭ ބޭނުންވާ އެއްޗަކީ؟" ޝަހުރުގެ އަޑުގައި ވަނީ ހަރުކަމެވެ.

"އިތުރަށް ސާބިތުކޮށްދޭން ޖެހޭނެ އެއްޗެއް ނެތޭ ދޮންބޭ. މަންމަ އާއި ދޮންތަ ސާބިތު ކޮށްދީ އިތުރަށް އެއްޗެއް ސާބިތުކޮށްދޭ އޮތިއްޔާ.." ޒަކްވާން އެހެން ބުނުމާ އެކު ޝީލާ ރުޅި އައެވެ.

"ބަލަ ޢާއިލާ ތެރޭ ހަމަނުޖެހުން ހިންގަން ކޮއްކޮ ނޫޅޭ! ނުކުމޭ މިގެއިން." ޝީލާގެ އަޑު ދަށުން ހުސްނާ ވެސް އަޑަށް ބާރަށް ލާފައި ޒަކްވާން ގެއިން ނުކުންނަން ބުންޏެވެ.

"މަންމާ! އަހަރެން ވެސް މީ މަންމަގެ ދަރިއެއް. މަންމަ ނުވޭ ދޯ ދެރައެއް؟ އަހަރެން ގެއްލުނަސް؟" ޒަކްވާން މޫނު އަނބުރައިލީ އޭނާގެ މަންމައާ ދިމާލަށެވެ.

"ތިބުނެވުނީ ހެޔޮކޮށް. ތިކަހަލަ ވިޔާނުދާ ދަރިއެއް އަހަރެން އުފަން ނުކުރަން. ތީ ވަރަށް ބޯހަރު، ގޮތްދޫ ނުކުރެާ ދަރިއެއް." ހުސްނާ ބުނެލި ޖުމުލައިން ޒަކްވާން ހިނިތުންވެލީއެވެ.

"ޝުކުރިއްޔާ ހުސްނާ.. ތިކަހަލަ މީހެއްގެ ދަރިއަކަށް އަހަރެން ވާކަށް ބޭނުމެއް ވެސް ނުވޭ. ތީ މަންމަ އެއްގެ ސިފައިގަ ހުއްޓަސް ވަރަށް ނުބައި މީހެއް. އަމިއްލަ ދަރިންގެ ދިރިއުޅުން ހަލާކު ކުރާ މީހެއް ތީ. ދޮންތަގެ ދެ ކައިވެނި ވެސް، ދޮންބެގެ ކައިވެނި ވެސް ރޫޅައިލި މީހަކީ ތީ.. އެއްވެސް ސަބަބެއް ނެތި. ހަމަ އެކަނި ތި މީހާގެ އަމިއްލަ އެދުމަށް!" ހުސްނާއަށް އިނގިލި ދިއްކޮށްލަމުން ޒަކްވާން އެހެން ބުނުމާ އެކު، ޝަހުރު ގޮސް ހިފައިލީ ޒަކްވާންގެ އިނގިލީގައެވެ. ޒަކްވާނަށް ވަރަށް ތަދުވިއެވެ.

"ހަބަރުދާރު! ޒަކްވާން ކަންތައް މާ މައްޗަށް ތިދަނީ." ޝަހުރުގެ ދެލޯ ވަނީ ވަރަށް ބޮޑުވެފައެވެ.

"އާނ! މައްސަލައެއް ނެތޭ! އަހަރެން މި މަސައްކަތް ކުރަނީ ދޮންބެއަށް އެއްޗެއް ވިސްނާދޭން. ލިވިޔާ ގާތުން އަހާބަލަ. ކިހިނެއް ވީ ކަމެއް ތޯ. މީ ހުސް މަންމަގެ ރޭވުން." ޒަކްވާން އެހެން ބުނުމާ އެކު ހުސްނާ އާއި ޝީލާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހެރުނު ހެންނެވެ.

"އައްދޯއި.." ޝަހުރު އޭނާގެ އަތުގެ ހުރި ބާރެއް ލާފައި ޒަކްވާންގެ މޫނުމަތީގައި ހޫނު ތަފާލެއް އަޅައިލިއެވެ. ޒަކްވާންގެ ގައިގައި ކޮއްޕަމުން ގޮސް ޒަކްވާން އެގެއިން ނެރެލާފައި، ޝަހުރު ވަރަށް ބާރަށް ދޮރު ޖެހިފައެވެ. (ނުނިމޭ)