ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބަހުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރާ ކާބޯތަކެތީ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުން ކުރަން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމަށް ހަދަން އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.
ބިލު ހުށަހަޅުއްވަމުން ހާރުން މިއަދު ވިދާޅުވީ ރާއްޖޭގައި ކެންސަރު ފަދަ ބަލިތައް އާންމު ވެފައިވާއިރު ކާބޯތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ. އަދި މިއަދު ހުށަހެޅާ ބިލުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 19 ގަވައިދެއް ތިން މަސްދުވަސް ތެރޭގައި ގެޒެޓް ކުރަން ހިމަނައިފައި ވާނެ ކަމަށެވެ.