ސަރުކާރުން ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް އާންމު ހިޔާލު ހޯދަން މަޖިލީހުން ހުޅުވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ ބިލަށް ހިޔާލު ހުށަހަޅަން އާންމުންނަށް ހުޅުވާލީ އިއްޔެ އެވެ.
ބިލަށް ހިޔާލު ހުށަހެޅުމަށާއި އިސްލާހު ހުށަހެޅުމަށް ފުރުސަތު ދީފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އީމެއިލަށާއި ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ވެސް ހިޔާލު ފޮނުވޭނެ ކަމަށެވެ.
މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުން ކުރަން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމަށް ހަދަން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.
ބިލުގައި ހިމެނޭ މާއްދާތަކާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން ކުރި ކުށުގެ ބޮޑުމިނަށް ބަލައި 5،000 ރުފިޔާއާއި 750،000 ރުފިޔާއިން ޖުރިމަނާ ކުރުމުގެ ބާރު ދޭން ބިލުގައި ހިމަނައިފައިވެ އެވެ. އެ ޖޫރިމަނާތައް ބޮޑުކަމަށް ބުނެ ބައެއް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.