ކުނި ކޮތަޅު ހޮވައިގެން ކައިބޮއި އުޅޭ މީހުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެފަދަ މީހުނަށް ކައިބޮއި އުޅެވޭނެ ގޮތް ހަދައި ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.
އާދަމް ޝަރީފް އެފަދައިން ގޮވާލެއްވީ މިއަދު މަޖިލީހުގައި ކުރިއަށް ކާބޯތަކެތީގެ ބިލުގެ ބަހުސްގަ އެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރާ ކާބޯތަކެތީ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުން ކުރަން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމަށް ހަދަން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.
މިއަދުގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ ކާބޯތަކެތީގެ ބިލު ވާން ޖެހޭނީ ރައްޔިތުންގެ ބިލަކަށް ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރި ކަމަކީ ގައުމުގެ ސަލާމަތާ ގުޅިފައިވާ މައްސަލައަކަށް ވާތީ އެ ބިލު ފަރުމާކޮށް ނިމޭއިރު ރައްޔިތުންގެ މަސްލަހަތު ސިކުނޑިން ކައްސާލައިގެން ދިޔަ ދީގެން ނުވާނެ ކަމަށެވެ.
އެގޮތުން މަގުމަތީގައި ހުންނަ ކުނި ކޮތޮޅުން ކައިބޮއި އުޅޭ މީހުންނަށް ދެވޭނެ ރައްކާތެރިކަން މި ބިލުން ކަށަވަރު ކުރަން ޖެހޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ނިކަމެތި މީހާއެއް ވެސް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތެއް ނިޒާމުގެ ތެރެއިން ހަމަޖެހެން ކޮންމެހެން ވެސް ޖެހޭނެ ކަމަށެެވެ.
"އަޅުގަނޑުމެން މިކިޔާ ގޮނޑުހޮވައިގެން ކައިބޮއި މިހަދާ ހާލަތުގައި ތިބި މީހުންނާ ދޭތެރޭގައި ވިސްނާ ފިކުރު ކޮށްގެން ނޫން ގޮަތަކަށް މިކަހަލަ ބިލެއް ފަރުމާ ކޮށްގެން ނުވާނެ. މިފަދަ ބިލެއް ފަރުމާ ކުރެވިގެން ނުކުންނައިރު ކާބޯތަކެތީގަ ހުންނަ ރައްކާތެރިކަމާއި ތައްޔާރުކުރާއިރު ހުންނަ ރައްކާތެރިކަމާއި އެއްވަރަށް ކާބޯތަކެތީގެ ފުރިހަމަ ސްޓޯރޭޖެއް އެންމެ ނިކަމެތި މީހާއަށްވެސް ލިބޭނެ ގޮތަކަަށް މިކަންތައްތައް ތަރުތީބު ކުރެވެން ޖެހޭނެ" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ކުނި ހޮވައިގެން އުޅޭ އެންމެ ނިކަމެތި މީހުންނަށް ސަރުކާރުން ހަރަދުކޮށްގެން "އައުޓްލެޓެއް" މެދުވެރިކޮށް އެމީހުންނަށް ކާން ދެވޭނެ ގޮތަށް ބިލު ފަރުމާކުރުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.