މުޒާހަރާ

މުޒާހަރާ ކުރެވޭނީ އާޓިފިޝަލް ބީޗުގައި ދަންވަރު 12 އަށް

އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާ ކުރަންޖެހެނީ ހަމައެކަނި އާޓިފިޝަލް ބީޗުގައި ތިބެގެން ކަމަށާ، މުޒާހަރާ ކުރިއަށްގެންދެވޭނީ ރޭގަނޑު 12:00 އަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވަނީ 72 ގަޑި އިރަށް ކަމަށް އެމްޑީޕީން ބުނުމުން ފުލުހުން މީގެ ކުރިން އެކަމާ ދެކޮޅު ހަދާފައި ނުވިޔަސް، މުޒާހަރާ މާދަމާރޭ 12:00 އާ ހަމަޔަށް ކުރު ކުރާ ގޮތަށް ފުލުހުން އެންގީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެންގެވުމަކަށެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިންޓާނަލް ސެކިއުރިޓި ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މާދަމާގެ މުޒާހަރާ ކުރިއަށްގެންދަންޖެހޭނީ ރޭގަނޑު 12:00 އާ ހަމަޔަށް ހަމައެކަނި އާޓިފިޝަލް ބީޗުގައި ތިބެގެން ކަމަށެވެ. އަދި މުޒާހަރާކުރަން އާޓިފިޝަލް ބީޗުން ބޭރަށް ނުނިކުމެވޭނެ ކަމަށާ، ފުލުހުން އަންގާފައިވާ ގޮތާ، އެމްޑީޕީން މިހާތަނަށް ފުލުހުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ދެފަރާތުން އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމްކޮށް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރިއަށްގެންދަން އެދިލައްވާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވަނީ މުޒާހަރާ ކުރިއަށްދާ ވަގުތުގައްޔާ، މުޒާހަރާ ގައި ހަމަނުޖެހުމެއް ހިނގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ވަގުތުތަކުގައި ކުޅިބަލަން ސަރަހައްދަށް އެއް ނުވާން އާންމުންނަށް އިލްތިމާސްކުރައްވާފަ އެވެ.

އެމްޑީޕީގެ މުޒާހަރާ ފުލުހުންގެ އިތުރުން އިލެކްޝަން ކޮމިޝަނުންވެސް މޮނިޓާ ކުރާނެ އެވެ.