ސުޕްރީމް ކޯޓް

ހިބަޅިދޫ އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓު

Sep 6, 2021

ބ. ހިބަޅިދޫ އަލުން ބިޒްނަސް މޯލްޑިވްސްއަށް ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި އެވެ.

ދައުލަތުން އެއްބަސްވުން ބާތިލް ކޮށްފައި ވަނީ އެމްއެެމްޕީއާރްސީން އެ ރަށް 50 އަހަަރަށް ކުއްޔަށް ދޫކުރުމުން ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމަށް ބުނެ އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ބިޒްނަސް މޯލްޑިވްސްއާ އެއްކޮޅަށެވެ. ހިބަޅިދޫގެ އެއްބަސްވުން ބާތިލް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެ ރަށް އަލުން ދިނުމަށް އެންގި އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސަރުކާރުން އެރަށް ބިޒްނަސް އަތުން ނަގާފައި ވަނީ ރަނގަޅަށް ކަމަށް ނިންމާފަ އެވެ.

އެ މައްސަލަ ބިޒްނަސްގެ ފަރާތުން ސުޕްރީ ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ. ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ އާއި ބިޒްނަސްއާ ދެމެދު ހެދި އެއްބަސްވުމުގައި ތިން މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ރަށް ކުއްޔަށް ދޫކުރި އެއްބަަސްވުމުގައިވާ ގޮތުން ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމަށާއި ނަމަވެސް ބިޒްނަސް މޯލްޑިވްސްއިން އެ ފައިސާ ދައްކާފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. އަދި އެ ފައިސާ ދޭން ޖެހޭނީ އެއްބަސްވުން ތަންފީޒުކުރާ ވަގުތުގައި ކަމަށް އެއްބަސްވުމުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ބިޒްނާސް މޯލްޑިވްސް އިން އެކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ޝަރީއަތަށް ވެސް ހުށަހަޅާފައި ނެތްކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރަށް ކުއްޔަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ބިޒްނާސް މޯލްޑިވްސް އިން އެއްވެސް ފައިސާއެއް ދައްކާފައިވާކަން ސާބިތުވާން ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގުގައި ހިބަޅިދޫން ވަނީ ހަތިޔާރުތަކެއް ހޯދާފަ އެވެ. އޭގެ ފަހުން އެ ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީން ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) އާއިއެކު ވެފައިވާ އެއްބަސްވުން ވެސް ބާތިލު ކުރި އެވެ.