މައްސަލަ ބޮޑު، ބ. ހިބަޅިދޫ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ދިޔައިރު ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމަށް ތުހުމަތުވާ މައްސަލަ ތަހުގީގު ކޮށްދޭން ހައިކޯޓުން ފުލުހުން ކިބައިން އެދިއްޖެ އެވެ.
ހިބަޅިދޫ ކުއްޔަށް ނެގި ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ނުދަންނަ ނަންބަރުތަކުން ގުޅައި، އޭނާއާ އެއްކޮޅަށް މައްސަލަ ނިންމަން ބޭނުން ވާނަމަ ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމަށް ބުނަމުންދިޔަ ކަމަށެވެ. އަދި ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ ބަޔަކު ބައްދަލު ކުރަން ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ސިޓީގައި ބުނާ ގޮތުން އެ ހުށަހެޅުންތަކަށް އޭނާ އިންކާރު ކުރީ އެވެ.
މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ ކޯޓަށް ވަކި ވަރެއް ދައްކަން އަންގައި އެ ނުދެއްކުމުން ވިޔަފާރިވެރިން މާޔޫސްކޮށްލާ ނިޒާމު ބަލައި ނުގަނެވޭނެ ކަމަށާއި ހިބަޅިދޫ މައްސަލާގައި ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކޮށްދޭން ހައިކޯޓުން އެދުނީ މިއަދު އެވެ. ހައިކޯޓުން ބުނީ ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ފުލުހުން ކިބައިން މައްސަލަ ތަހުގީގުކޮށް ދޭން އެދިވަޑައިގަތީ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.
"ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ، މައްސަލަ ވަކި ގޮތަކަށް ނިންމަން ރިޝްވަތު ހޯދަން އެދި ގޮސްފައިވަނީ ކޮން ބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯ އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ހައިކޯޓުން މިއަދުވާނީ ފުލުހުންގެ ކިބައިން އެދިފައި" ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ހައިކޯޓުން ބުނީ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ހައިކޯޓުގެ ފަނޑިޔާރުން ތިއްބެވީ ތައްޔާރަށެވެ. މިފަދަ މައްސަލަތައް ބެލެން ޖެހެނީ މިއީ ސީދާ މުޅި ޝަރުއީ ދާއިރާގެ އިތުބާރާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މިފަދަ ކަންކަން ބެލުމަކީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.
ހިބަޅިދޫ މައްސަލަ ހައިކޯޓަށް ގެންދިޔައީ ދައުލަތުންނެވެ. އެ މައްސަލައަކީ ރިޔާޒަށް ދޫކޮށްފައިވާ ހިބަޅިދޫ އޭނާގެ އަތުން ނަގައި، އެއްބަސްވުން ބާތިލް ކުރި މައްސަލަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލާގެ ތަހުގީގުގައި ހިބަޅިދޫން ވަނީ ހަތިޔާރުތަކެއް ފެނިފަ އެވެ. އޭގެ ފަހުން އެ ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީން ރިޔާޒާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރީ އެވެ.
އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެމްއެެމްޕީއާރްސީއިން އެ ރަށަށް 50 އަހަަރަށް ކުއްޔަށް ދޫކުރުމުން ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމަށް ބުނެ ރިޔާޒު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވީ އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ. ސިވިލް ކޯޓުން ހުކުމް ކުރީ ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށެވެ. ހިބަޅިދޫގެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެ ރަށް އަލުން ދިނުމަށް އެންގި އެވެ. އެ ނިންމުމާ ހިތްހަމަނުޖެހި ދައުލަތުން ހައިކޯޓަށް ދިޔައީ އެވެ.
އަވަސްއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މައްސަލާގައި އެ ބެންޗާއެކު ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި އަޑުއެހުންތައް ވެސް ނިންމާލި އެވެ. ދެން އޮންނާނީ އެ މައްސަލާގެ ހުކުމް ކަމަށް އިއުލާންކުރި އެވެ. މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ރިޝްވަތުގެ ތުހުމަތުގައި މިހާރު ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.
މައްސަލަ އެހެން އޮއްވާ އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި އެވެ. އެއީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ހިބަޅިދޫ މައްސަލާގައި ގޮތެއް ނުނިމި ފަނޑިޔާރުގެ މޭޒުމަތީ އޮންނަތާ އޭރު އަހަރަކާ އޮތީ ގާތްވެފަ އެވެ.
އޭގެ ފަހުން މައްސަލާގެ ރިޔާސަތަށް ފަނޑިޔާރު މުހައްމަދު ފައިސަލް ވަޑައިގެން މައްސަލާގައި ހުކުމް އިއްވި އެވެ. ހައިކޯޓުން ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ. އެއީ ހިބަޅިދޫ އަލުން ބިޒްނާސް މޯލްޑިވްސްއަށް ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެ އެއްބަސްވުން ދައުލަތުން ބާތިލްކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.