ހަބަރު

ހިބަޅިދޫ ޝަރީއަތް: ގޮތެއް ނުނިންމާ ބޭއްވި

މައްސަލަ ބޮޑު، ބ. ހިބަޅިދޫ މައްސަލަ ހައިކޯޓުގައި ވަކި ގޮތެއް ނުނިންމާ އެއް އަހަރެއްހާ ދުވަހު ބޭއްވިކަން ހާމަވެއްޖެ އެވެ.

ހިބަޅިދޫ މައްސަލަ ހައިކޯޓަށް ގެންދިޔައީ ދައުލަތުންނެވެ. އެ މައްސަލައަކީ ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް)އަށް ދޫކޮށްފައިވާ ހިބަޅިދޫ އޭނާގެ އަތުން ނަގައި، އެއްބަސްވުން ބާތިލް ކުރި މައްސަލަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލާގެ ތަހުގީގުގައި ހިބަޅިދޫއިން ވަނީ ހަތިޔާރުތަކެއް ފެނިފަ އެވެ. އޭގެ ފަހުން އެ ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެހެން އޮތުމަށްފަހު ޓޫރިޒަމް މިނިސްޓްރީއިން ރިޔާޒާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެވެ.

އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެމްއެެމްޕީއާރްސީއިން އެ ރަށަށް 50 އަހަަރަށް ކުއްޔަށް ދޫކުރުމުން ދައުލަތަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމަށް ބުނެ ރިޔާޒު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވީ އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ. އެކެއް ފެބުރުއަރީގެ އަމުރަށްފަހު ކުރި ތަހުގީގަކަށް ގާޒީ ހަލީމް ދެއްވި ބަޔާނެއް ލީކްކުވެ އޭނާއަށް ވަރަށް ބޮޑެތި ތުހުމަތުތައް އަމާޒުވެ، ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. ދުވަހު ނޫސް، ހަވީރުގެ މައްސަލާގައި ނުފޫޒުގައި ޖެހި ހުކުމް ކުރައްވާފައިވާ ކަމަށް ވެސް އިއުތިރާފުވެފައިވެ އެވެ. އެ ފާޑުކިޔުންތަކަށްފަހު އޭނާ ވަނީ ގާޒީކަމުން އިސްތިއުފާ ވެސް ދައްވާފަ އެވެ.

ގާޒީ ހަލީމް ބެއްލެވި ހިބަޅިދޫ މައްސަލަ ނިންމެވީ ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށެވެ. ހިބަޅިދޫ އެއްބަސްވުން ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެ ރަށް އަލުން ދިނުމަށް އެންގި އެވެ. އެ ނިންމުމާ ހިތްހަމަނުޖެހި ދައުލަތުން ހައިކޯޓަށް ދިޔައީ އެވެ.

މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު 29 ވަނަ ދުވަހު އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހެޅީ 2017 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. މައްސަލަ ބަލައިގަނެ ހައިކޯޓުގައި ރަޖިސްޓްރީކުރީ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުއްވި އެވެ.

ބެންޗު ކަނޑައެޅުއްވުމުގެ ބާރު އޮންނާނީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ އަތްޕުޅުގަ އެވެ. އޭރު އިސް ފަނޑިޔާރަކީ ރިޝްވަތުގެ ތުހުމަތުގައި މިހާރު ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާއަށް ފަނޑިޔާރުކަން ގެއްލުނީ އެކިއެކި މައްސަލަތަކާ ގުޅިގެން ރިޝަވަތު ނެންގެވި ކަމަށް ގިނަ ޝަކުވާތަކެއް ހުށަހެޅި، އެ މައްސަލަތައް ތަހުގީގު ކުރުމާ ގުޅިގެންނެވެ. ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ.

ހިބަޅިދޫ މައްސަލާގެ ބެންޗު ކަނޑައެޅުއްވިއިރު މައްސަލައިގެ ރިޔާސަތަށް ވަޑައިގެންނެވީ ފަނޑިޔާރު ދީދީ އެވެ. ދެން އެ މައްސަލާގައި ހިމެނުނު ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.

އަވަސްއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މައްސަލާގައި އެ ބެންޗާއެކު ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި އަޑުއެހުންތައް ވެސް ނިންމާލި އެވެ. ދެން އޮންނާނީ އެ މައްސަލާގެ ހުކުމް ކަމަށް އިއުލާންކުރި އެވެ.

މައްސަލާގެ އަޑުއެހުންތައް ނިންމާލައި، އެތައް ދުވަހެއްވީއިރު ވެސް ހުކުމެއް ނުކުރެ އެވެ. މައްސަލާގައި ރިޝްވަތުގެ ހުށަހެޅުންތަކެއް ބިޒްނާސް މޯލްޑިވްސްގެ ރިޔާޒަށް ލިބުނު ކަމަށް ބުނާ މުއްދަތަކީ މިއީ އެވެ. އޭނާ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ނުދަންނަ ނަންބަރުތަކުން ގުޅައި، އޭނާއާ އެއްކޮޅަށް މައްސަލަ ނިންމަން ބޭނުންވާނަމަ ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ ބަޔަކު ބައްދަލުކުރަން އައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެ ހުށަހެޅުންތަކަށް އޭނާ އިންކާރު ކުރީ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. ޓްވަރިޒަމް މިނިސްޓްރީއަކީ، މި މައްސަލައިގެ ޚަސްމަކަށްވާއިރު، ދައުލަތުން އިސްތިއުނާފުކުރި ސަބަބުތަކާ ތައާރުޒުވާ ގޮތަށް ނަމަވެސް، އަލީ ވަހީދު ވިދާޅުވެފައިވަނީ ކޯޓަށް މިވެނި ވަރެއް ދެއްކުމަށް އަންގައި އެ ނުދެއްކުމުން ވިޔަފާރިވެރިން މާޔޫސްކޮށްލާ ނިޒާމު ބަލައެއްނުގަނެވޭނެ ކަމަށެވެ. ހިބަޅިދޫ މައްސަލާގައި ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

މައްސަލަ އެހެންވެ އޮތްވައި އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ދީދީ، ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި އެވެ. އެއީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ހިބަޅިދޫ މައްސަލާގައި ގޮތެއް ނުނިމި ފަނޑިޔާރުގެ މޭޒުމަތީ އޮންނަތާ އޭރު އަހަރަކާ އޮތީ ގާތްވެފަ އެވެ.

ފަނޑިޔާރު ދީދީ، ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމުން މައްސަލާގެ ބެންޗު އަލުން އެކުލަވާލި އެވެ. ދެން އެ މައްސަލާގެ ރިޔާސަތަށް ވަޑައިގެންނެވީ ޖޭއެސްސީގައި ރައީސް އަބްދުﷲ ޔާމީންގެ މެންބަރެއްގެ ގޮތުގައި އިންނެވި މުހައްމަދު ފައިސަލެވެ. ފަނޑިޔާރު ފައިސަލްގެ ރިޔާސަތު ކަމުގައި މައްސަލާގައި އިޖުރާއަތު ފުރިހަމަ ކުުރުމަށް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން ބޭއްވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއަށްފަހު މައްސަލާގައި ހުކުމް އިއްވީ މި އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.

ހައިކޯޓުން ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ. އެއީ ހިބަޅިދޫ އަލުން ބިޒްނާސް މޯލްޑިވްސްއަށް ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެ އެއްބަސްވުން ދައުލަތުން ބާތިލްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފެންމަތިވުމާއެކު ކުރި ތަހުގީގުގައި ހިބަޅިދޫއަކީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބޭ ރަށެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށް ކުއްޔަށް ދޫކުރި އެއްބަަސްވުމުގައިވާ ގޮތުން ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމަށާއި ނަމަވެސް ޒްނާސް މޯލްޑިވްސްއިން އެ ފައިސާ ދައްކާފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ.

ބިޒްނާސް މޯލްޑިވްސްއިން އެކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ޝަރީއަތަށް ވެސް ހުށަހަޅާފައިނެތްކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ ރަށް ކުއްޔަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ބިޒްނާސް މޯލްޑިވްސްއިން އެއްވެސް ފައިސާއެއް ދައްކާފައިވާކަން ސާބިތުވާން ނެތް ކަމަށް ކަނޑައަޅައި ހައިކޯޓުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމްކުރީ އެވެ. ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ހައިކޯޓު އަޑުއެހުމަށް ހާޒިރުވުމަށް އެންގުމުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ. ނަމަވެސް އެ ކުންފުނީގެ ވަކީލަށް ހާޒިރުވެވެން ނެތް ކަމަށް ބުނެ ހައިކޯޓަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީ ބަލައިގަނެ ވަކި ޖަވާބެއް ނުދެ އެވެ.