އެމްއެމްޕީއާރްސީ

ޖަރުމަނުގައި ރާއްޖެ ތަމްސީލުކުރާނެ އެޖެންސީއެއް ހޯދަނީ

ޖަރުމަންގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރި އިއުލާނެއްގައި ވަނީ މިކަަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.

މިކަމަށް ހޮވޭ އެޖެންސީއަކަށް މަހަކު 3،600 އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވެ އެވެ.

އެމްއެމްޕީއާރްސީގެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހަޅާ އެޖެންސީއަކީ ފާއިތުވި ފަސް އަހަރު ތެރޭގައި މިފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ އެޖެންސީއަކަށް ވާންޖެހެ އެވެ. ތަޖުރިބާއެއް ލިބިފައި ނެތް ނަމަ ނުވަތަ މިކަމަށް އެދި ހުށަހަޅާއިރު ތަޖުރިބާގެ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ ޑިސްކޮލިފައިވާނެ ކަމަށް އިއުލާންގައިވެ އެވެ. މިކަމަށް ހޮވޭ އެޖެންސީއަކީ ރާއްޖެއާއި ޖަރުމަނުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހޭލުންތެރި ބަޔަކަށް ވާންޖެހެ އެވެ.

ޖަރުމަނުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިފަދަ އެޖެންސީއެއް ހޯދުމުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ޖަރުމަން މީހުން އަހުލުވެރިކުރުވުމާއި އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުުރުކުރުމެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެތެރެއިން 96،000 އަށް ވުރެ ގިނަ ފަތުރުވެރިންނަކީ ޖަރުމަނުން ރާއްޖެ އައި މީހުންނެވެ.