އިލެކްޝަންސް ކޮމިޝަން

އީސީއަށް އިރުވައި އާސިފް އައްޔަން ކޮށްފި

Sep 6, 2021

އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް މުހައްމަދު އާސިފް (އިރުވައި އާސިފް) އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އާސިފަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މަގާމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ، އާސިފް ވަނީ ކުރައްވާފަ އެވެ. އޭނާ އަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

އާސިފް މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް އާސިފް އައްޔަންކުރަން މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އޭނާ އަށް މަޖިލީހުގެ ރުހުން ލިބުނީ 50 މެންބަރުން އިއްތިފާގުންނެވެ.