އަބްދުﷲ ޖާބިރު

ކައުންސިލްތައް ސަސްޕެންޑްކުރަން ޖާބިރު ގޮވާލައްވައިފި

ލޯކަލް ކައުންސިލްތައް ސަސްޕެންޑް ކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ޖާބިރު އެފަދައިން ވިދާޅުވީ ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް މެމްބަރުން އައްޔަނުކުރުމާ ގުޅޭ ގޮތުން ލާމަރުކަޒީ ކޮމިޓީން އެކުލަވާަލި ރިޕޯޓަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ޖާބިރު ވިދާޅުވީ އެއްވެސް ކައުންސިލެއްގައި އެކަށީގެންވާ ރަނގަޅު ވިސްނުންތަކެއް ނުގެންގުޅޭ ކަމަށާއި ހަމަ އެއާއެކު ޕާޓީތަކަށް ކައުންސިލްތައް ބެހި މާބޮޑަށް ވެސް ސިޔާސީ ވެފައިވާ ކަމަށެވެ.

އެހެންވުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމާއި ވިޔަފާރިކުުރާ މީހުންނަށް ވަރަށް ބޮޑަށް ތުރާއަކަަށް ވެގެން ގޮސްފައިވާކަމަށް ޖާބިރު ދެކެވަޑައިގަންނަވަ އެވެ. އަދި ލާމަރުކަޒީ އުސޫލުން ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރަން ބާރުތައް ދިން ނަމަވެސް އެެދެވޭ ނަތީޖާއެއް ނުނުކުންނަ ކަމަށާއި އެންމެ ކުރިން އަތޮޅުވެރިކަމާއި ކަތީބުކަން އޮތްއިރު ކަންތައްތައް ހިނގީ މާރަނގަޅަށް ކަަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގެ ބާރުވެސް ކެނޑިގެން ހިނގައްޖެ ކަމަށާއި އަދި ކައުންސިލްތަކުގެ ބެލެނިވެރިޔާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބާރެއް އޮތް ކަަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

" އަޅުގަނޑަކީ ކާށިދޫ ދާއިރާއިން ހޮވިގެން އައި މީހެއް. މި ދާއިރާގެ ތެރޭގައި އަޅުގަނޑުމެންގެ ދާއިރާގެ ތެރޭގައި ކަންތައްތައް ހުރި ގޮތް ސާފު އަޅުގަނޑަށް. އެހެން ނަމަވެސް ވިޔަފާރިކުރާ މީހުންގެ ޝިކާޔަތު ވަރަށް ބޮޑުވެއްޖެ. އެއީ ކައުންސިލްތަކަށް ބާރު ދިނީމާ ކައުންސިލްތައް އައުމުގެ ކުރިން ހަދާފައިވާ އެގްރިމަންޓްތަކަށް ވެސް ހިތުހުރިހާ ގޮތެއް ހަދަމުންދަނީ. މިސާލަކަށް އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުގެ ހިތި ތަޖުރިބާއެއް އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިންވެސްޓްކޮށްގެން ތިބި މީހުން އެ މީހުންގެ ޝިކާޔަތު ހިފައިގެން ދާނެ މަރުކަޒެއް މިތާގައި ނެތީމައި ކޮންތާކަށްތޯ ދާނީ. ކާކު ކައިރިއަށް ތޯ ދާނީ" ޖާބިރު ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަން ޖެހޭނީ ޔުނިޓަރީ ދައުލަތެއްކަމަށް ގާނޫނު އަސާސީގައި ސަރީހަކޮށް ބުނެފައި އޮތް ނަމަވެސް ކައުންސިލްތަކަށް ބާރު ދިނުމާއެކު ފެޑެރޭޝަނަކަށް ބަދަލުވެފައިވާ ކަމަށް ޖާބިރު ދެކެވަޑައިގަންނަވަ އެވެ. އަދި އޭގެ ސަބަބުން ވިޔަފާރި ކުރަން އުނދަގޫވާނެ ކަމަށެވެ.

އެގޮތުން ސީދާ ކައުންސިލާ ގުޅިގެން ވިޔަފާރިކުރަން ބަލާއިރު ކައުންސިލްތަކުގައި އެފަދަ ގާބިލުކަން ނެތްކަަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވިޔަފާރީގެ ވާހަކަ ދެއްކޭކަށް ނޯވޭ. ހުނަރުވެރިކަމެއް ނުުހުރޭ. ވައްޓަފާޅިއެއް ނުހުރޭ. އަދި ތަމްރީނެއް ދެވިފައެއް ނެތް. އެހެންވީމާ އަޅުގަނޑަށް ފެންނަނަީ އެހެންވީމާ ވަގުތުން ވަގުތަށް ކައުންސިލްތައް ސަސެޕްންޑްކުރަން އެއް އަހަރު ދުވަހަށް. ސަސްޕެންޑްކޮށްފައި ރާއްޖޭގެ ކައުންސިލްތައް ތަމްރީންކުރަން" ޖާބިރު ވިދާޅުވި އެވެ.