ޖުމްހޫރީ ޕާޓީ

ނޫސްވެރިންގެ ބައްދަލްވުން ބޭއްވި ކުރީގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު އިސްކޮށް ތިއްބަވާ މިދިޔަ ހޮނިހިރު ދުވަހު ބައެއް ގާނޫނީ ވަކީލުންނާއެކު ބޭއްވެވި ބައްދަލްވުމުގައި އެ ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިދާނެ ފަދަ ވާހަކަތަކެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. އެ ޕާޓީން ވަނީ އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާފައެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލްވުމަކީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުވާލުމަށާއި އަދުލް އިންސާފު ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ޝައްކު އުފެއްދުމަށް ބޭއްވި ބައްދަލްވުމެއް ކަމަށެވެ. އަދި އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތްތަކަށް ހުރަސް އެޅުމަށާއި ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަަސައްކަތްތަކެއް ކަމަށެވެ.

ފަނޑިޔާރުންނާއި ވަކީލުންނަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކުރާ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ ހައްގުބަސް ބުނަންޖެހޭ ބަޔެއް ކަމުން އެފަދަ ބޭފުޅުން ވަކި މައްސަލައެއް ހިނގާދިޔަ ގޮތާއިމެދު ޝަރުއީ ނިޒާމުގެ އަގުވެއްޓޭ ފަދަ ވާހަކަ ދެއްކުމަކީ ޖުމްހޫރީ ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

އެ ޕާޓީން ބުނީ ޝަރީއަތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކަށް ހައްގު އަދަބު ދެވިގެން ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކާއި ގުޅޭގޮތުންނާއި ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން އަންގަވާ ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ.