އަލީ ވަހީދު

އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔޫކޭ ފުލުހުން އަންގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔޫކޭ ފުލުހުން ދިވެހި ފުލުހުންނަށް އަންގައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ ފަންސަވީސް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ނަމަވެސް މިރެއާ ހަމައަށް ފުލުހުން ބުނަމުން އައީ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ނުވަތަ ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައިވާކަންވެސް ކަމާގުޅޭ އެއްވެސް އިދާރާއަކުން ފުލުހުންނަށް އަންގާފައިނުވާ ކަމަށެވެ.

ދެންމެ ފުލުހުން ބުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް މިއަދު ވަނީ މައުލޫމާތު ލިބިފައި ކަމަށެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމު ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތް ކޮށްފައެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޭނާ ހައްޔަރު ކޮށްފައި މިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްގެ ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.