އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން އަންނަ ހަފުތާ ނިމުމުގެ ކުރީން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް ޖޫން މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ޝަރީފް އިސްތިއުފާއާއެކު ކޮމިޝަންގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.
ކޮމިޝަންގެ މެންބަރުން ނިންމާފައި ވަނީ ފަސް މެންބަރުން ހަމަވުމުން ރައީސަކު އިންތިހާބު ކުރުމަށެވެ. ކޮމިޝަންގެ މެންބަރުން ހަމަވެފައި ވަނީ އިއްޔެ އެވެ. އިއްޔެ އީސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ މުހައްމަދު އާސިފް (އިރުވައި އާސިފް) އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު އަވަސްއަށް ވިދާޅުވީ ކޮމިޝަނަށް ރައީސަކު އިންތިހާބު ކުުރުން އަންނަ ހަފްތާ ނިމުމުގެ ކުރީން ނިންމަން ކޮމިޝަންގެ މެންބަރުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަންނަ ހަފުތާ ނިމުމުގެ ކުރީން އެ މަސައްކަތް ނިންމަން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައި ވަނީ،" ފުއާދު ވިދާޅުވިއެވެ.
ކޮމިޝަންގެ ރައީސް ކަމަށް ފުއާދު ވަނީ ޝައުގުވެރިކަން ވެސް ފާޅު ކުރައްވާފަ އެވެ. ކޮމިޝަންގެ އިތުރު މެންބަރަކު އެ މަގާމަށް އަދި ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އީސީގެ ނާއިބު ރައީސަކީ އިސްމާއީލް ހަބީބެވެ. ކޮމިޝަން ވަގުތީ ގޮތުން ހިންގަވަނީ ވެސް ހަބީބެވެ.