ރ. އަލިފުށި ފަޅުގައި ރިސޯޓެއް ހަދަން އަންނަ މަހު ބީލަމަށް ހުޅުވާލަން ނިންމައިފައިވާ ކަމަށް ޓޫރިޒަމް މިނިސްްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މައުސޫމް މިހެން ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ އަލިފުށި ފަޅުން 10 ހެކްޓަރުގެ ބިން ހިއްކައި އެ ފަޅުގައި އޮންނަ ރ. އެއްތަންގިލީގައި ފަތުރުވެރިކަން ތަރައްގީ ކުރަން އަންނަ މަހު 25 ގައި ހުޅުވާލައި ބީލަން އިއުލާން ކުރާނެ ކަމަށެވެ.
އަލިފުށި ފަޅުގައި ރިސޯޓެއް ހެދުމުގެ މަޝްރޫއު އިއުލާން ކުރީ ޑިސެމްބަރު، 2019 އިގައެވެ. ޓޫރިޒަމް މިނިސްޓްރީން އޭރު ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބިޑް މަރުހަލާ ނިންމާ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ބެެލެވޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެ އެވެ.
އަލިފުށި ފަޅުގައި 200 އެނދު ހިމެނޭ ގޮތަށް ރިސޯޓެއް ހެދުމަށްފަހު އެ ފަޅުގައި އޮންނަ އެއްތިންގިލި ވިޒިޓާސް އައިލެންޑެއްގެ ގޮތުގައި ހިމާޔަތް ކުރަން ވެސް ވަނީ ނިންމާފަ އެވެ.
އެ ރިސޯޓް ހެދުމާއެކު 400 ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.
އަލިފުށި ފަޅުގައި ރިސޯޓެއް ހަދަން ނިންމިއިރު އެ ރަށުގައި އެއާޕޯޓެއް ހަދަން ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އަދި އެ އެއާޕޯޓުގެ މައްސަލާގައި ރ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފަ އެވެ.