އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް ލޯނި ނެގި ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ލިޔުމުން ޖަވާބު ހޯއްދަވަން އެދި ވަޑައިގަތް ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މިނިސްޓަރު ދެއްވި ޖަވާބު އަމީން އާންމު ފާތުމަތު ނިއުޝާ މިއަދު ވަނީ މަޖިލީުގައި ޖަލްސާގައި އިއްވަވައިފަ އެވެ.
އާޒިމްގެ އެދި ވަޑައިގަތީ އެސްއެމްއީ ލޯނު ދީފައި ވަނީ ކޮން ފަރާތްތަކަކަށްތޯ އާއި އެ ލޯނުތައް އަނބުރާ ގަވާއިދުން ދައްކަމުން ދަނީ ދަނީ ފަރާތްތަކެއްތޯ ސާފު ކުރައްވާށެވެ.
ޖަވާބުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެސްއެމްއީ ލޯނު މިހާރު ދޫކުރަނީ އެސްޑީއެފްސީގެ ނަމުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެކުލެވޭ ގޮތަށް 2019 ވަނަ އަހަރުގައި ރަޖިސްޓްރީ ކޮށްފައިނަ ކުންފުނިން ކަމަށެވެ.
އަދި އެ ކުންފުންޏަކީ މާލީ އިދާރާއެއްގެ ގޮތުގައި އެމްއެމްއޭއިން ލައިސެންސް ދޫކޮށްފައިވާ ފަރާތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ ލޯނު ނަގާފައިވާ އަދި ދައްކަމުންދާ މީހުންގެ މައުލޫމާތަކީ ކުންފުނީގެ ގަވައިދުތަކާއި އުސޫލު ދަށުން ސިއްރު ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
"މި މައުލޫމާތުތަކީ ފިޔަފާރިތަކުގެ ޒާތީ މައުލޫމާތުތަކެއް. އަދި މިއީ ވިޔަފާރިތަކުގެ ސިއްރު ހިމެނޭ ހައްސާސީ މައުލޫމާތުތަކެއް." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އެހެންކަމުން ކަސްޓަމަރުންގެ މައުލޫމާތު ތިންވަނަ ފަރާތަކަށް ހާމަ ކުރުމަކީ ގާނޫނުތަކާއި ގަވާއިދުތަކާއި ކުންފުނީގެ އުސޫލުތަކުގެ ދަށުން ހުއްދަ ނޫން ކަމެއް ކަމުގައި އެސްޑީއެފްސީއާ ހަވާލާ ދެއްވާ މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މެމްބަރު އާޒިމް އެދިލައްވާފައިވާ މައުލޫމާތު ގާނޫނުން ހުއްދަކުރާ ވަރަކަށް ހިއްސާ ކޮށްދިނުމަށް އެސްޑީއެފްސީގައި އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.