ހުޅުމާލެ

ދެވަނަ ފިޔަވައްސަށް މިމަހު ބަހުގެ ހިދުމަތް ފަށަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިމަހުގެ ތެރޭގައި ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ ބަސް ސްޓޮޕްތައް ތަރައްގީކޮށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހިޔާ ފްލެޓްތަކާ ކައިރި ސަރަހައްދެއްގައި ދެ ބަސް ސްޓޮޕް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.

އޮފިޝަލް ވިދާޅުވީ ބަސް ސްޓޮޕްތަކުގައި ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެ ކަމަށެވެ. އަދި އާއްމު ދަތުރުފަތުރުގެ ހިދުމަތާއި ސްކޫލް ދަރިވަރުންނަށްވެސް މިމަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތު 92 ޕަސަންޓް މަސައްކަތް މިހާރު ވަނީ މުޅިން ނިމިފަ އެވެ. އަދި މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާއި ފިނިޝިން މަސައްކަތްތަކެވެ. ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައްވެސް ގުޅޭނީ މިހާރު ދެމުންދާ ބަސް ދަތުރުތަކުގެ ހިދުމަތާ ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ސެކަންޑް ފޭސްގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އެވެ. އެކަމަކު އެއީ އަމިއްލަ މީހުންނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެއެއްގައި އުޅޭ މަދު އާއިލާތަކެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ވެސް މިހާރު މީހުން ވަނީ ބަދަލުވާން ފަށާފަ އެވެ.

ހިޔާ ފްލެޓަށް ބަދަލުވާ އައިލާތަކުގައި ދަރިވަރުންނަށް ހާއްސަކޮށްގެން މާލެ- ހުޅުމާލެ ސްކޫލް ބަހުގެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން ދަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދަތުރުތަކަށް އެދޭ ކުދިންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށާއި ފުރަތަމަ ފިޔަވަހިން މާލެ އަށް އަދި މާލެ އިން ހުޅުމާލޭގެ ސްކޫލުތަކަށް ދާން ޖެހޭ ދަރިވަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.