އެޗްޑީސީ

ބަހުގެ ހިދުމަތް ފެށުން ލަސްވެފައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން ފެށުން ލަސްވެފައިވަނީ އެމްޓީސީސީން އެ މަސައްކަތް ނުފަށާ އޮތުމުން ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ މި މަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށާނެ ކަމަށެވެ. މި އަދަކީ މިމަހުގެ އެންމެ ފަހު ދުވަހެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ދިނުން ލަސްވަނީ އެމްޓީސީސީއަށް މަސައްކަތް ނުފެށިގެން ކަމަށެވެ. ވަގުތީ ގޮތުން ވެސް ބަހުގެ ހިދުމަތް އަވަހަށް ފަށައި ދޭން އެ ކުންފުނީގައި އެދިފައިވާ ކަމަށެވެ. އެމްޓީސީސީއާ އެ ސުވާލު އަމާޒު ކުރުމުން ބުނީ މިއަދު ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފޭހުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އެވެ. އެއީ އަމިއްލަ މީހުނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެތަކެއްގަ އެވެ. ހިޔާ ފްލެޓްތަކަށް ވެސް މިހާރު މީހުން ވަނީ ބަދަލުވާން ފަށާފަ އެވެ.