އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

Sep 7, 2021
1

އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ކުޅުދުއްފުށި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީސް ހުޅުއްވައި ދެއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ.

މިރަސްމިއްޔާތުގައި އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީއާއި އޮޑިޓް އޮފީހުގެ އިސްވެރިންނާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް އޮޑިޓް އޮފީހުން ކުރައްވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުޅުދުއްފުށީގައި ސަރަހައްދީ އޮފީހެއް ހުޅުވުމަކީ އެ އޮފީހުން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ ކުޅުދުއްފުށީގައި ސަރަހައްދީ އޮފީހެއް ހުޅުވުމަކީ އޮޑިޓް އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ މަސައްކަތްތައް އަވަސް ވެގެންދާނެ ކަމެއް ކަމަށެވެ. ކުޅުދުއްފުށީގައި ސަރަހައްދީ އޮފީހެއް ހުޅުވުމަކީ ކުރީގެ އޮޑިޓާ ޖެނެރަލް އަލްމަރުހޫމް އިސްމާއީލް ފަތުހީ ވަރަށް ބޮޑަށް ބޭނުންފުޅުވި ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ހުޅުވުމާ ގުޅިގެން އުތުރުގެ އަތޮޅުތަކުގެ ދައުލަތުގެ އިދާރާތައް އޮޑިޓް ކުރާނީ ސަރަހައްދީ އޮފީހުންނެވެ.

އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް އައްޑޫ ސިޓީގެ ހިތަދޫގައި ވެސް ވަނީ ހުޅުވާފަ އެވެ. ސަރަހައްދީ އިތުރު އޮފީހެއް ހުޅުވުމަށް މިވަގުތު ޕްލޭންގައި ނެތް ކަމަށްވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.