ފުވައްމުލައް

ފުވައްމުލަކުގައި ޕީސީއާރް ޓެސްޓު ނެހެދޭތީ މައްސަލަ މަޖިލީހަށް

ފުވައްމަލު ސިޓީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޕީސީއާރް ޓެސްޓު ނެހެދޭތީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ފަރާތުން މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. އޭނާގެ އަނބިކަނބަލުންނަކީ ފުވައްމުލަކު ބޭފުޅެކެވެ.

އާދަމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތް ނަމަވެސް ފުވައްމުލަކުގެ ރައްޔިތުން ސާމްޕަލް ނެގުމަށްފަހު ކޮވިޑަށް ޓެސްޓުކުރަން ފޮނުވަން ޖެހެނީ އެހެން ސިޓީއަކަަށް ކަމަށެވެ. އޭގެ ސަބަބުން ނަތީޖާ ނުލިބި ދެ ތިން ދުވަސް މަޑުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޕީސީއާރު ޓެސްޓު ހެދެން ނެތުމުން ފުވައްމުލަކުގެ ރައްޔިތުންނަށް އެ ރަށަށް ދަތުރުކުރަން ދަތިވެ އިގްތިސާދީ އަދި މާލީގޮތުން އެރަށަށް އެތައް ގެއްލުމެއް ލިބެމުންދާ ކަން މައްސަލާގައި ފާހަަގަކޮށްފައިވެ އެވެ. އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީއަށް ހުށަހަޅައިގެން ފުވައްމުލަކުގައި ޕީސީއާރު ޓެސްޓް ނުހެދިގެން އުޅޭ ސަބަބާއި އެ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ހަމަޖެހޭނެ ދުވަހެއް ސާފުކޮށްދިނުމަށް އެދިފައިވެ އެވެ.

ފުވައްމުލަކުގައި މިހާރު ކޮވިޑަށް ޓެސްޓުކުރަނީ ޖީންއެކްސްޕާޓު މެޝިނެއް ބޭނުން ކޮށްގެނެވެ. އޭގެން ޓެސްޓުކުރަނީ ހަމައެކަނި ބަލީގެ އަލާމަތްތައް ހުންނަ މީހުން އެކަންޏެވެ. އަދި ދަތުރުކުރަން ކޮވިޑް ޓެސްޓު ހަދަން ޖެހޭ މީހުންނާއި އެ ނޫން މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރަން ފޮނުވަނީ އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.

ފުވައްމުލަކުން އިއްޔެވެސް ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ޖުމްލަ 1274 މީހުން އެ ސިޓީން މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ. މިިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެރަށް އަދިވެސް އޮތީ މޮނީޓަރިންގަ އެވެ.