އަންނަ ހުކުރު ދުވަހު "އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހިނގާލުމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ހުކުރު ދުވަހު މަގުމައްޗަށް ނިކުންނަން ނިންމީ އިންސާފު ގެއްލިފައިވާތީ އިންސާފު ހޯދުމަށް ކަމަށެވެ.
ޝުޖާއު ވިދާޅުވީ އިންސާފުގެ ތިލަފަތް ހަމަހަމަ ކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ އޮތް ފަނޑިޔާރުގެއެއް ކަށަވަރު ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާ ނަމަވެސް މިއަދު ފެންނަނީ އެ ވައުދާ މުޅީން ހިލާފަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.
".. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ފަނޑިޔާރުގެއަށް ސަރުކާރުގެ އެންމެ މަތިން ތިރިއަށް އަތްބާނަމުންދާ ހަޑިމުޑުދާރު މަންޒަރުތައް. އެހެން ކަމުން ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީންވެސް ހިމެނޭ ގޮތުން އެތައްހާސް ބަޔަކަށް މިއަދު ވަނީ އިންސާފު ގެއްލިފައި. އެހެން ކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މި ނިކުންނަނީ 'އިންސާފު ހޯދަން' މިނަމުގައި،" ޝުޖާއު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ކ. އަތޮޅުގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ނާއިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހުކުރު ދުވަހު މާލޭގައި އެ ހަރަކާތް ފެށޭނީ ޕީޕީއެމްގެ އޮފީސް ކުރިމަތީން ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އެ ރަށްރަށުގެ ޕީޕީއެމްގެ އޮފީސްތަކުގެ ކުރީމަތީން ކަމަށެވެ.
ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ހުއްދަ މިއަދު ލިބިފައިވާ ކަމަށެވެ. އަދި ހިނގާލުުމުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ.
އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމާފައި މިވަނީ ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު އާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެފައިވަނިކޮށެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އެ ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ވަނީ ބުނެފައެވެ.