ބޮލީވުޑް

ސަލްމާނާއި ޅިޔަނު އަޔޫޝްގެ "އަންތިމް" ޕޯސްޓަރު ހިނގައިފި

ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އަޔޫޝް ޝަރުމާގެ "އަންތިމް: ދަ ފައިނަލް ޓްރުތު" ގެ ފުރަތަމަ ޕޯސްޓަރު ވެސް ބެލުންތެރިންނަށް ވަރަށް ކަމުގޮސްފި އެވެ. މި ޕޯސްޓަރުގައި ސަލްމާނާއި އަޔޫޝް ތިބެނީ ވަރަށް ގަދަޔަށް ރުޅި އައިސްފަ އެވެ.

މި ފިލްމަކީ ގޭންގްސްޓާރަކާއި ފުލުހެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ދައްކާ ފިލްމެކެވެ. ފުލުސް މީހާގެ ރޯލު އަދާ ކުރަނީ ސަލްމާނެވެ. އަޔޫޝް ކުޅެނީ ގޭންގްސްޓާރެއްގެ ރޯލެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ގިނަ ބަޔަކު ފާހަގަ ކުރި އެއް ކަމަކީ އަޔޫޝްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލެވެ. އޭނާގެ ފުރަތަމަ ފިލްމު "ލަވްޔާތުރީ" ގައި އަޔޫޝް ކުޅުނު ރީތި ފިރިހެނެއްގެ ރޯލުގެ ބަދަލުގައި މިފަހަރު ފެނުނީ ހަށިގަނޑު ވެސް ބިޔަކޮށް ބިލްޑް ކޮށްފައިވާ ވަރަށް ތަފާތު އަޔޫޝް އެކެވެ. އެހެންވެ ގިނަ މީހުންނަށް އަޔޫޝްގެ ފޮޓޯ މާބޮޑަށް އަޅައިގަންނަ ގޮތް ވިއެވެ.

މިއީ ސަލްމާނާއި އަޔޫޝް އެކުގައި ފިލްމެއް ކުޅޭ ފުރަތަމަ ފަހަރެވެ. "އަންތިމް" ޕްރެޒެންޓް ކުރަނީ ސަލްމާންގެ ފިލްމު ކުންފުނި، ސަލްމާން ޚާން ފިލްމްސް އިންނެވެ. ޕްރޮޑިއުސަރަކީ ސަލްމާންގެ މަންމަ ސަލްމާ ޚާނެވެ. ޑައިރެކްޓަރަކީ މަހޭޝް މަންޖްރެކަރް އެވެ.

އަޔޫޝް އަކީ ސަލްމާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާގެ ފިރިމީހާ އެވެ. އަރްޕިތާއަކީ ސަލްމާންގެ ބައްޕަ ސަލީމް ޚާނާއި އޭނާގެ ދެ ވަނަ އަނބިމީހާ އަދި ކުރީގެ މަޝްހޫރު ބަތަލާ، ނެށުންތެރިޔާ ހެލަން އެޑޮޕްޓްކޮށް އެމީހުން ދަރިއަކަށް ހަދައިގެން ގެންގުޅެ ބޮޑު ކޮށްފައިވާ ކުއްޖެކެވެ.