ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އަނެއްކާ އިއުލާން ކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަން ހުޅުވާލައިފައިވާ ކަމަށެވެ. މިގޮތަށް ބިޑް ހުށަހަޅާ ބިޑް ކާމިޔާބު ކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
އެރަށަކީ ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންޓަނޭޝަނަލަށް ދޫކޮށްފައިވާ ރަށެކެވެ. ހުރަވީ އިންވެސްޓްމެންޓުން އެ ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނަގާފައި ވަނީ 2016 ވަނަ އަހަރު އެވެ.
އެ ފައިސާ ނުދައްކައިގެން ބީއެމްއެލަށް އެ ރަށް ނަގާފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެނެވެ. އެހަރުގެ ސެޕްޓެމްބަރު މަހު ވެސް ބީއެމްއެލުން ވަނީ ރަށް ވިއްކާލަން އިއުލާނު ކޮށްފަ އެވެ. އެރަށް ވިއްކާލުމަށް ބީއެމްއެލް އިން ނިންމާފައި ވަނީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.
ކަޅުދިޔަފުށި ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެވެ. އެއެއްބަސްވުމުގައި ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.