ހަބަރު

ހުސައިން މަނިކު ދޮންމަނިކުގެ ކަޅުދިޔަފުށި ވިއްކާލަން ބީއެމްއެލް އިން އިއުލާންކޮށްފި

Sep 19, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އިއުލާންކޮށްފި އެވެ.

ކަޅުދިޔަފުށީ ވިއްކާލުމަށް ބީއެމްއެލް އިން ނިންމާފައި ވަނީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ. އެރަށަކީ ރިސޯޓެއްގެ ގޮތުގައި ތަަރައްގީ ކުރަމުން އަންނަ ރަށެކެވެ.

އެރަށަކީ ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންޓަނޭޝަނަލަށް ދޫކޮށްފައިވާ ރަށެކެވެ. ހުރަވީ އިންވެސްޓްމެންޓުން އެ ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނަގާފައިވަނީ 2016 ވަނަ އަހަރު އެވެ. އެފައިސާ ނުދައްކައިގެން ބީއެމްއެލް އަށް އެ ރަށް ނަގާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެނެވެ.

ކަޅުދިޔަފުށި ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެވެ. އެއެއްބަސްވުމުގައި ސޮއި ކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކަޅުދިޔަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އިން ބެލި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓްގައިވާ ގޮތުން އެރަށުގެ އިކުޒިޝަން ކޮސްޓް ހުސެން މަނިކު ދޮންމަނިކު ދެއްކީ އޮސްއޯއެފްއިން އޭނާއަށް ލިބުނު ފައިސާއިންނެވެ.

ގްރެން މެލިއާ ހުރަވީ މޯލްޑިވްސްއިން އެރަށް ތަރައްގީ ކުރަން ފެށީ 2016 ވަނަ އަހަރުގެ ތެރޭގައި އެވެ. އެރަށުގައި 97 ޕްރައިވެޓް ވިލާއާ 100 ކޮޓަރި އާއި ތިން ރިސޯޓް އެޅުމަށް ނިންމި އެވެ. މަސައްކަތް ނިންމައި ހުޅުވަން ނިންމާފައިވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް މިހާތަނަށްވެސް އެރިސޯޓްގެ މަސައްކަތް ނިމިފައެއްނުވެ އެވެ.

ބީއެމްއެލްގެ އިއުލާނެއްގައި ވަނީ އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބީއެމްއެލަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އެރަށުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ.