ޔޫސުފް ޝަފީއު ނުވަތަ ޔޫއްޕެއޭ ކިޔުނު ހުނަރުވެރިޔަކު ދިވެހި ސިނަމާ އަށް އުފަންވީ ތަޖުރިބާކާރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގުރުބާނީއަކުންނެވެ. އެއީ މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން އަމްޖޭ ނެރުނު މެގަހިޓް ފިލްމު "ގުރުބާނީ" އިންނެވެ.
އޭރު ޔޫއްޕެ އަށް 21 އަހަރެވެ. ޕްރޮޑިއުސަރުްނާއި ދިވެހި ސިނަމާގެ އަންހެންވެރިންގެ ހިތްތައް އިސާހިތަކު ޔޫއްޕެ އަށް ބަންޑުންވެ އޭނާ ދިވެހި ސިނަމާގެ "ސުޕަސްޓާރަކަށް" ބަދަލުވީ އެވެ. އޭރު 8،000ރ. އަށް ފިލްމެއް ކުޅެދިން އެކްޓަރުގެ އަގު ވެސް ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާ އަށް އަރައިގެން ދިޔައީ އެވެ. އޭނާ "ފަތިސްހަނދުވަރުގެ ފެށުން" ކުޅުނީ 40،000ރ. އަށެވެ.
ޔޫއްޕެ ކުޅުނު ފިލްމުތަކުގެ އަދަދު މިހާރު 50 އަށް އަރައިފި އެވެ. ފިލްމީ ދާއިރާގައި އޭނާ ހާސިލުކުރަން ބޭނުންވި އަދަދަކީ ވެސް މިއީ އެވެ.
މިކިޔައި ދެވުނީ ދިވެހި ފިލްމީ ދާއިރާގައި މިފަހުން އުފެދުނު އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް އެކްޓަރުގެ ކުރު ތައާރަފެކެވެ. ދެން މި އޮތީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން ހޯދި ކާމިޔާބީތަކާ އެކު ދިވެހި ފިލްމީ ދާއިރާ އަށް ފުންމާލި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެެ ތައާރަފެކެވެ.
މިއީ އެ މީހަކަށް ފިލްމީ ދާއިރާ އިން ހޫނު މަރުހަބާއެއްކީ އެކްޓަރެއް ނޫނެވެ. އަދި ޔޫއްޕެ ފަދައިން ފުރަތަމަ ފިލްމާ އެކު ނަސީބު އަތުގައި ހިފި އެކްޓަރެއް ވެސް ނޫނެވެ.
އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ "އެދިއެދިހޯދީމޭ" އެވެ. މި ފިލްމަށް އެންމެ ފުރަތަމަ ޑައިރެކްޓަރަކު ނުލިބުނީ ކޮޕީ އިއްސެ އޭގައި ލީޑް ރޯލު ކުޅޭތީ އެވެ.
"މީގެ ލީޑް ރޯލު ކުޅޭނީ އަހަރެންނޭ ބުނި ހިސާބުން އޭތި ބަލައިނުގެންފަ އޮތީ ވަރަށް ގިނަ މީހުން. އޭރު ޖެހުނު ބޮޑު މައްސަލައަކީ އަހަރެންގެ މި ހުންނަ ރީތި ކަޅު މިނުގެ މައްސަލަ. ސްޓޫޑިއޯއެއްގެ ބޮޑުމީހަކު އެބަހުރި އަހަރެން ގާތުގަ ސީދާ ބުނެފަ، ފިލްމު ކުޅެން ބޭނުން ނަމަ ތަންކޮޅެއް ސްމާޓްވެލާ، ރީތިވެލާށޭ. ދެން ހިތަށް އެރި މިއީ ހަމަ އަހަންނަށް ހުރި ގޮތޭ،" ކުރިން ދިން އިންޓަވިއުއެއްގައި ކޮޕީ އިއްސެ ބުނެފައިވެ އެވެ.
އެންމެފަހުން އޭނާއާ އެކު "އެދިއެދިހޯދީމޭ" ޑައިރެކްޓްކުރީ އޭނާގެ ބައްޕަ، ކޮމީ މުހައްމަދު ރަޝީދު އެވެ. އެއީ އިއްސެ ލީޑް ރޯލުކުޅޭ ފިލްމެއް ޑައިރެކްޓްކުރާނެ އެހެން ފަރާތެއް އޭރު ނުވެގެންނެވެ.
ފާހަގަކޮށްލަން ޖެހެނީ އެ ފިލްމުގައި ކޮޕީ އިއްސެއާ އެކު ދެން ފެނިގެން ދިޔަ އަނެއް ތަރިއަކީ ޔޫއްޕެކަމެވެ. ފިލްމުގައި ކޮޕީ އިއްސެއަށް ރޯލެއް ނެތް ނަމަ އެ ފިލްމު ހަމައެކަނި ޔޫއްޕެއާ އެކު ޑައިރެކްޓްކުރަން ވަރަށް ގިނަ ބަޔަކު ޝައުގުވެރިވީސްކަން ޔަގީނެވެ.
ސަބަބަކީ ޔޫއްޕެ އަކީ އޭރު ވެސް ސިނަމާގެ އޯޑިއެންސަށް ވިއްކޭ ކަހަލަ ޒުވާންކަމަކާއި ރީތިކަމެއް ވެސް ލިބިފައިވީ އެކްޓަރަކަށް ވީމަ އެވެ.
ކޮޕީ އިއްސެ އަށް ފިލްމީ ދާއިރާ އިން މަރުހަބާއެއް ނުކިޔަސް އޭނާ އަކީ އޮފީސް ޓެލެޑްރާމާތަކުގެ ޗެމްޕިއަނެކެވެ. މަންމަގެ އެދުމަކަށް، 1996 ވަނަ އަހަރު "ޒިންމާ" ނަމަކަށް ކިޔާ ޑްރާމާއެއް ކުޅެ އިސާހިތަކު އޭނާ ތަރިއަކަށް ބަދަލުވީ އެވެ.
މިއީ މި ދެ ތަރިންގެ ވާހަކަ ފެށިގެން އަންނަ ގޮތެވެ. ކޮޕީ އިއްސެ މަޝްހޫރުވީ ޑްރާމާ އެކްޓަރެއްގެ ގޮތުގަ އެވެ. ޔޫއްޕެ މަޝްހޫރުވީ ބޮޑު ސްކްރީނަށެވެ. ސުޕަ ސްޓާރެއްގެ ގޮތުގަ އެވެ. އެންމެ ރީތި ފިލްމީ ތަރީގެ ގޮތުގަ އެވެ. އެންމެ ރީތި ފިރިހެން ފިލްމީ ތަރިއަކަށް ބެލުންތެރިން އޭނާ ހޮވައިގެން 2009 ވަނަ އަހަރު އެވޯޑެއް ވެސް ދިނެވެ.
ދެން މި އޮތީ މި ދެ އެކްޓަރުންގެ ފާހަގަކޮށްލެވޭ މަސައްކަތްތަކާއި އެކްޓިން ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީގެ ވާހަކަ އެވެ. އެކްޓަރަކު މޮޅުވުމަށް މި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ ފިލްމު ބަލާ މީހުންނަށް އެމީހަކު ކަމުދިއުމެވެ. އަނެއް ގޮތަކީ އެވޯޑަކަށް ޖަޖުކުރަން ތިބޭ ފަޑިޔާރުންގެ ބަޔަކަށް އެ އެކްޓަރަކު މޮޅުވުމެވެ.
ޔޫއްޕެ އާއި ކޮޕީ އިއްސެ އަކީ މި ދެންނެވި ދެ ވައްތަރުގެ ކާމިޔާބީ ވެސް ލިބިފައިވާ އެކްޓަރުންނެވެ. ބަޔަކަށް ކަމުދާ ވަރުގެ އެކްޓަރަކަށް އެންމެ ފުރަތަމަ ނުވިޔަސް ކޮޕީ އިއްސެ އަކީ މިއަދުގެ ސިނަމާގައި އެންމެ ޑިމާންޑްބޮޑު އެއް އެކްޓަރެވެ. އަދި ޔޫއްޕެ އަކީ އޭނާގެ ރީތިކަމަކުން އެކަނި ބޮޑު ސްކްރީނުގައި ހިފަހައްޓާލައިގެން އުޅޭ މީހެއް ކަމަށް ބަޔަކު މީހުން ބުންޏަސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ޔޫއްޕެއާ އެއްވަރަކަށް ހާސިލުކޮށްފައިވާ އެހެން ތަރިއެއް ހަގީގަތުގައި ނެތެވެ.
އެންމެފަހުން ބޭއްވި ގައުމީ ފިލްމު އެވޯޑްސްގެ މޮޅު އެކްޓަރަކީ ވެސް އޭނާ އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވެ އެވެ. މީގެ އިތުރުން މިއަދު ކްރިސްޓަލް އެވޯޑާއި މޯލްޑިވްސް ފިލްމު އެވޯޑްސް ވެސް ހާސިލުކޮށްފައިވެ އެވެ.
ކުޅުނު ފިލްމުތަކުގެ އަދަދަށާއި ހާސިލުކޮށްފައިވާ އެވޯޑްތަކާއި ކާމިޔާބީތަކަށް ބަލާއިރު ޔޫއްޕެއާ އެއްވަރުގެ ދިވެހި އެހެން އެކްޓަރަކު ނެތޭ ބުނެވިދާނެ އެވެ. ބައެއް މީހުން ބުނަނީ މިހެންނެވެ. ޔޫއްޕެ އަށް ފަހު ދިވެހި ފިލްމީ ދާއިރާގައި "ސުޕަސްޓާރެއް" ނުއުފެދެ އެވެ. ފަހަރެއްގައި އެއީ ހަގީގަތެކެވެ.
އެކަމަކު ކޮޕީ އިއްސެ ވެސް ހަމަ މިގޮތަށް ފަހުރުވެރިވާނެ ރިކޯޑްތަކެއް އެބަހުއްޓެވެ. އޭނާ އަކީ ބޭރުގެ ފިލްމު ފެސްޓިވަލަކުން ފުރަތަމަ ފަހަރަށް އެވޯޑެއް ހާސިލުކުރި ދިވެހި އެކްޓަރެވެ. ސާކް ފިލްމު ފެސްޓިވަލްގައި އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފަ އެވެ. އެއީ ފިލްމު އުފެއްދުމަށް މަޝްހޫރު މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އެކްޓަރުންނާ ވާދަކޮށްގެންނެވެ.
ރާއްޖޭގައި ކޮޕީ އިއްސެ އަށް ލިބުނު މާ ގިނަ އެވޯޑްތަކެއް ނެތެވެ. "އެދިއެދިހޯދީމޭ" އަށް ފަހު ކުޅެލާނެ ފިލްމުގަނޑެއް ނުލިބިފައި ހުއްޓައި މޫމިން ފުއާދޭ ކިޔުނު ޑައިރެކްޓަރަކު ދިން ފުރުސަތަކުން "ހޭލާ" ނަމަކަށް ކިޔާ ފިލްމެއް ކުޅެގެން ގައުމީ އެވޯޑްސްގައި ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ. އަދި މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ.
ފިލްމުތަކުގެ ވިޔަފާރި އަށް ބަލާއިރު ވެސް ކުރި ލިބެނީ ޔޫއްޕެ އަށެވެ. މިސާލަކަށް އޭނާ ކުޅެފައިވާ ފިލްމުތައްް ކަމުގައިވާ "ޔޫސުފް" އާއި "ޒުލޭޚާ" އަދި "ވާލޯބި އެނގޭ ނަމަ" އާއި "އުދަބާނި" ހޯދި ފަދަ ކާމިޔާބީތަކެއް ކޮޕީ އިއްސެއަކަށް ލިބިފައެއް ނެތެވެ. އެ ވަރުގެ ކާމިޔާބީއަކާ ހަމަ އަށް ދެވިފައެއް ވެސް ނެތެވެ.
އެހެންވީމަ ޔޫއްޕެ އާއި ކޮޕީ އިއްސެއެއްގެ މި ކުރިމަތިލުމެގައި ކުރި ލިބެނީ ޔޫއްޕެއަށް ކަމަށް ނިންމައި މި ވާހަކައެއް ވެސް ނިންމާލަންވީ ހެއްޔެވެ؟