ވާހަކަ

ސިއްތާ

(5 ސެޕްޓެމްބަރ 2021 އާ ގުޅޭ)

"ލަވް ޔޫ... ޔޫ އާ ފައިނަލީ މައިން..." ނީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން އީހާން ބުނެލިއެވެ.

* * * * *

ލައިޒަލް ޗުއްޓީގެ މުއްދަތު އިތުރު ކުރުމުން ފިރާގު ކަންބޮޑުވިއެވެ. ލައިޒަލް ހުރީ ކޮން ރިސޯޓެއްގައިކަން ފިރާގަށް އެނގެއެވެ. އެކަނިކަން ގޮސް ހުރީ ވެސް ލައިޒަލްގެ ފަރާތުން އެނގެއެވެ. އެހެންވިޔަސް ލައިޒަލް ރިސޯޓުގައި ކުރާކަމެއް އެނގެން ފިރާގު ބޭނުންވިއެވެ. ލައިޒަލްއަށް ކަމެއް ދިމާވެގެން އުޅެނީއޭ ހީވާތީއެވެ. މީނޫނީ އެގޮތަށް އެކަނި ގޮސް ދުރުގައި ލައިޒަލް ނުހުރެއެވެ. އާންމުކޮށް ނުތަނަވަސް ކުރުވާފަދަ ކަމެއް ދިމާވެއްޖެނަމަ ކޮންމެވެސް ގޮތަކުން ފިރާގު ކައިރީ ހިޔާލަކަށް ލައިޒަލް އަހާލާނެއެވެ. ޒުވާން ލައިޒަލްގެ ޒާތީ ދިރިއުޅުމުގެ ކަންކަން އެގޮތަށް ވެސް ހިއްސާކޮށެއް ނޫޅޭނެއެވެ. އެކުއްޖާ ބޮޑުވިއިރު މައިންބަފައިންގެ ލޯތްބާއި އަޅާލުން ދޭން ހުރި މީހަކީ ފިރާގު އެކަންޏެވެ. އެހެންވެ ލައިޒަލް އުޅޭނޫޅޭ ގޮތް ބެލުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ދުށްޓެވެ. އިތުބާރު ހިފޭ މީހަކަށް ގާތުގައި ހުރީ ހަމްދާނެވެ. ކާފަދަރިފުޅުގެ ޚަބަރު އޮޅުން ފިލުވުމަށް ފިރާގު ހަމްދާނު ފޮނުވީ އެހެންވެއެވެ.

ނީރާއަށް ވިސްނެމުން ދިޔައީ ވަރިއާ މެދުއެވެ. އީހާނު އޭނާ ވަރިކުރާވަރުގެ ކަމެއް މެދުވެރިވެއްޖެނަމަ މިނިވަންކަން ލިބިދާނޭ ހީކުރެވުނީ ލައިޒަލްއާ ދެމެދުގައި ދެކެވުނު ވާހަކައިންނެވެ. ވަރިވުމަކީ އޮތް ފުރުސަތެއްކަން ލައިޒަލް ހަނދާންކޮށްދިނެވެ. އެގޮތް ނީރާ ގަބޫލުނުކޮށްފާނޭތީ ލައިޒަލްއަށް އެނގޭ ބަހުރުވައިން އޭނާ ލޯބި ހާމަކުރީ އިންޒާރުންނެވެ. ދެމެދުގައި އޮތީ ކިހާ ގާތް ގުޅުމެއްކަން އީހާނަށް އެނގިއްޖެނަމަ ވަރިނުކޮށް ހުރެދާނެތޯ ސުވާލު ކުރީ ލައިޒަލްއެވެ. ވަރިވާނޭ ގޮތުގެ ޚިޔާލު ނީރާގެ ސިކުނޑީގައި އުފަންވީ އެހެންވެއެވެ. ލައިޒަލްގެ ވާހަކަތަކުންނެވެ. މިނިވަންވެ ލައިޒަލްގެ ގާތަށް ދިއުމަށް ޓަކައި އަމިއްލަ ނަފްސުގެ އަގު ނީރާއަށް މުހިންމުނޫންކަން ނިންމިއެވެ. ކައިވެނިކޮށްގެން ހުރެ އެ ކައިވެނީގެ ބޭރުން ގުޅުމެއް ހިންގާ ފުރަތަމަ އަންހެނަކަށް އޭނާ ނުވާނޭ ގަބޫލުކުރިއެވެ. އެއީ އޭނާގެ ވިސްނުން ކުރީން ހުރި ގޮތެއް ނޫނެވެ. އެހެންވިޔަސް މިބަދަލާއެކު ނީރާގެ ހާސްކަމެއް ފިލައި ނުދިޔައެވެ. އޭނާ އަދިވެސް އެންމެ ޖެހިލުންވަނީ މަންމަގެ ކަންފަތައް އެ އަޑު ފޯރާނޭތީއެވެ. މަންމަގެ ދަރިފުޅާ އިނދެގެން ހުރެ ހިލޭ ފިރިހެނަކާ ގުޅުން ބޭއްވިކަމުގެ ހުތުރު އަޑު އަހަން މަންމައަށް ކެތްވާނޭކަމެއް ބުނަން ނީރާއަކަށް ނޭނގެއެވެ.

ހުރިހާ ވަގުތެއްގަ އީހާނު ސަމާލުވެ ހުންނަ ކަހަލައެވެ. ނީރާއަށް ފާރަވެރިވެއެވެ. އެކަނިވާން ބޭނުންވިޔަސް އެ ފުރުސަތެއް ނީރާއަކަށް ނުލިބެއެވެ. އެހެންވެ ރާވާ ރޭވުންތަކާއިގެން ކުރިއަށް ދެވޭނޭ މަގެއް ނީރާއަކަށް ނުފެނެއެވެ. ޚިޔާލުތަކުގައި ބަނދެވި ކުރި ނުލިބިގެން އުޅެނިކޮށް ތިންވަނަ ދުވަހު ރިސޯޓުގެ ރެސްޓޯރެންޓް ތެރޭ ތިބި އީހާނާއި ނީރާގެ ގާތަށް ލައިޒަލް އައީ އެމީހުންނާ ބައިވެރިވުމަށެވެ. މީގެ ކުރީން ނުދެކޭ ޒުވާނަކު ލައިޒަލްއާއެކު ހުއްޓެވެ. ބަލާބެލުމަށް އުމުރުގެ ގޮތުން ލައިޒަލްއަށްވުރެ މާބޮޑުތަކެއް އުމުރުން ދޮށިވާނޭ ވައްތަރެއް ނުޖަހައެވެ. ލައިޒަލްގެ ހަގީގަތެއްނުވާ އެކުވެރިކަމުގެ އެކްޓު ޖައްސަމުން މޭޒުދޮށުގައި އޭނާ ބައިވެރިވިއެވެ. ކައިރީ ހުރި ޒުވާނާ ތަޢާރަފްކޮށްދިނެވެ. ހަމްދާނު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެ ބައްދަލުވުމުން ވެސް ހަމްދާނަށް ފާހަގަވީ ލައިޒަލްއާއި ނީރާ އެކަކުއަނެކަކަށް ބަލާލާ ގޮތެވެ. ލޯބީގެ ރޮނގުން ޕްރޮފެސަރަކަށް އޭނާ ނުވިޔަސް އެ ބެލުންތަކުގައިވާ ޖަޒުބާތު ދެނެގަންނަން ހަމްދާނަށް އެނގުނެވެ. އެންމެންގެ ތެރޭ އިނދެ ލައިޒަލް އަތުގެ އިޝާރާތް ވާހަކަދެއްކުންވީ އީހާނާއި ހަމްދާނު ހައިރާން ކުރުވިކަމަށެވެ. އިސްނަގަން ނުކެރިފައި އިން ނީރާ ހިތްވަރު ހޯދިއެވެ. ލައިޒަލް ގާތުގައި ބައްދަލުވެދާނޭކަން އެއްބަސްވިއެވެ. އީހާނާއި ދުރަށް ދާނޭ ފުރުސަތެއް ލިބިއްޖެނަމަ ލައިޒަލްއާ ބައްދަލުކުރާނަމޭ ބުންޏެވެ. އެ ފުރުސަތު ހޯދުމަށް ނީރާ ބުނީ ލައިޒަލް ކައިރީއެވެ. އަނބިމީހާގެ އަތުގައި އީހާނު ހިފެހެއްޓުމާއެކު ދެންތިބި މީހުންނަށް ނޭނގޭ ބަހުރުވައަކުން ވާހަކަނުދައްކަން ބުނެލިއެވެ.

ލައިޒަލްއާއެކު ކޮޓަރިތައް ހުންނަ ބަޔަށް ހަމްދާނު އައެވެ. އޭނާ ނީރާއާ ގުޅޭ ގޮތުން ސުވާލުކުރިއެވެ. އެސޯސިއޭޝަނުން ދެމީހުން ބައްދަލުވީގޮތް ލައިޒަލް ބުނެލިއެވެ. އެތަނަކީ ލައިޒަލްގެ ހިއްސާއެއް އޮންނަތަނެއް ހަމްދާނަށް އެނގެއެވެ. ލައިޒަލްގެ އާއިލާ ވިޔަފާރީގައި އޭނާ މިހާ ދުވަހު އުޅޭއިރު ލައިޒަލްގެ އެފަދަ ހިއްސާ އޮންނަ ކަންކަން ހަމްދާނަށް ނޭނގިއެއް ނޯންނާނެތާއެވެ. އެހެންވިޔަސް ނީރާއާ ގުޅޭ ގޮތުން އިތުރު ވާހަކަތަކެއް ލައިޒަލް ނުދެއްކިއެވެ. ނީރާ ހާއްސަވެފައިވާކަން ހަމްދާނު ކައިރީ ލައިޒަލް ބުނާކަށް ނުޖެހެއެވެ. އެވަރު އޭނާއަށް ވެސް ވިސްނެއެވެ.

ރިސޯޓުގެ މެނޭޖްމެންޓާއި ގާތް ގުޅުމެއް ލައިޒަލްއާ އޮންނާތީ އެކަމުގެ ފައިދާ އޭނާ ނެގިއެވެ. ކުޑަވަގުތުކޮޅަކަށް ވިޔަސް އީހާނުގެ ކިބައިން ނީރާ ސަލާމާތްކުރީ އެފަދައިންނެވެ. ކޮޓަރިން އީހާނު ނުކުތް ވަގުތާ ބަލާ ނީރާ ވެސް ނުކުތީއެވެ. ބައްދަލުކުރާނީ ކޮންތާކުންކަން ލައިޒަލް އޮތީ ނީރާގެ ގާތުގައި ބުނެފައެވެ. ނަމަވެސް ހައިރާންކަން ލިބުނީ ނީރާ ނައީމައެވެ. އީހާނު އެނބުރި ކޮޓަރިއަށް އައިސް ނީރާ ނުފެނުމުން ފުރަތަމަ ވެސް ހިތަށް އެރީ ލައިޒަލްއެވެ. އީހާނު ހިފެހެއްޓީއޭ ލައިޒަލް ހީކުރިއިރު އީހާނަށް ހީވެފައި އޮތީ ނީރާވީ ލައިޒަލް ގާތުގައި ކަމެވެ. ނަމަވެސް ދެ މީހުން ބައްދަލުވީއިރު އެކަކުގެ ގާތުގައި ވެސް ނީރާ ނެތްކަން އެނގުމުން ދެ މީހުންނަށް ލިބުނީ ސިހުމެކެވެ.

އީހާނު ގުޅާވަރުން ފޯނު ނެގިގޮތަށް އިރުކޮޅެއްގެ ތެރޭ އެނބުރި ކޮޓަރިއަށް ދާނޭކަމުގައި ނީރާ ބުނެ މެސެޖު ކުރިއެވެ. އޭނާ އެނބުރި އަންނަންދެން އީހާނު އަތިރިމައްޗާއި ދެން ވެސް ރިސޯޓުގައި ބެލެން ހުރި ދިމާތައް ހޯދިއެވެ. ލޮލުގައި ނީރާ އަޅައި ނުގަތުމުން އީހާނު އެނބުރި އައީއެވެ. ފާލަންމަތީ އޭނާ ނުކުމެ ހުރީ ނީރާ އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ނީރާ ވެސް އަމިއްލަ ރޭވުމެއް ރޭވީއެވެ. އީހާނު އެންމެ ފުރަތަމަ ވެސް ނީރާ ހޯދަން ނުކުމެ ލައިޒަލްއަށް ޚަބަރު ދީފާނޭ ނީރާއަށް ހީވީއެވެ. ލައިޒަލްގެ ޚަބަރެއް ނުވެއްޖެނަމަ ނީރާއާއި ލައިޒަލް ތިބީ އެކީގައިކަން އީހާނު ނިންމާނޭ ހިތަށް އެރިއެވެ. ލައިޒަލްގެ ބޮލުގައި އީހާނު ކަމެއް އަޅުވައި އެންމެންގެ ތެރޭ އޭނާ ބޭޒާރުކުރާނޭ ފުރުސަތު އީހާނަށް ދޭން ނީރާ ބޭނުންނުވީއެވެ. އެކަމަކު މިހާރު ނީރާ ކަންތައް ކުރިގޮތުން ލައިޒަލްއާ ދިމާއަށް ކިޔޭނޭ އެއްޗެއް އީހާނަކަށް ނޯންނާނެއެވެ.

ނީރާ އައިސް ކޮޓަރިއަށް ވަނުމުން އީހާނު ފަހަތުން އައިސް ވަނެވެ. އެ މޫނުން ނުރުހުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ބަޔާންކުރަން ނޭނގޭ ހިތްހަމަޖެހުމެއް ނީރާއަށް ލިބުނެވެ. ކަމެއްވީކަމަށް ނީރާ ނުހެދިއެވެ. ފާހާނާއަށް ވަދެ ފެންވަރާލައިގެން ނީރާ ނުކުތްއިރު ކުރިއެކޭ އެއްގޮތަކަށް އެނދުކައިރީ ހުރި ގޮނޑީގައި އީހާނު އިނެވެ. ވަރުބަލިވެފައި ހުރި މީހަކުހެން ނީރާ އެނދަށް އަރާ އޮށޯވެލި ހިނދު އީހާނު ގޮވާލިއެވެ. ހީވީ އޭނާގެ ކެތްތެރިކަމުގެ ފާރު ފުނޑުފުނޑުވީ ހެންނެވެ. އަރިއަކަށް ފުރަގަސް ދީގެން އޮތް ނީރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަރުވާކުޑަ ގޮތަކަށް ނީރާ ހޫން ލައްވާލިއެވެ. ކޮންތާކަށްތޯ ދިޔައީ އީހާނު ސުވާލު ކުރިއެވެ. ނީރާ ޖަވާބެއް ނުދިނީ ގަސްދުގައެވެ. ކަންތައްވީ ނީރާ ހީކުރި ގޮތަކަށްނޫނެވެ. އީހާނު އައިސް ނީރާގެ ގާތަށް އެނދަށް އެރިއެވެ. ނީރާގެ ގައިގާ ފުރަގަހުން ބައްދާލި ގޮތަށް އޭނާ ރޯން ފެށީއެވެ. ނީރާއަށް ވެސް ލިބުނީ ސިހުމެކެވެ. އެހެންވިޔަސް އޭނާ އީހާނާ ދުރަށް ޖެހުމާއެކު އެނދުން ފުންމާލީއެވެ.

"ކޮންވައްތަރަކަށްތަ ތިއުޅެނީ؟" ނީރާގެ އަޑުގައި ހަރުކަށިކަން ވިއެވެ.

"މިހުރިހާއިރު ކޮންތާކުވީ؟" އީހާނު ރޮމުން އަހާލިއެވެ.

"ތި ސުވާލަށް ޖަވާބު ނުދިނީ އީހާނަށް އަޑުއަހަން ފަސޭހަނުވާނެތީވެ. އެވަރު ގެޓުވެބަލަ... މި ކައިވެންޏަށް އަހަރެންގެ އެއްވެސް ރެސްޕެކްޓެއްނެތްކަން ނޭނގޭތަ؟. އައި ހޭޓް ޔޫ. ކިތަންމެ ވަރަކަށް ރުޔަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ. ތި ފޭކު ކަރުނަތައް ބޭލުން ހުއްޓާލާ."

"ކޮންތާކުން ތިއައީ." އީހާނު ތަކުރާރު ކުރިއެވެ.

"ލޯބިވެރިޔާ ކައިރިން. ހަނީމޫންގެ އުފާވެރިކަން ހޯދައިގެން. މިހެން އުޅެވޭނީ އަހަރެންގެ ވެސް ހިތްހަމަޖެހިފައި ހުރެގެން. އެހެންވީމަ އަހަރެން ހިތްހަމަޖެހޭ ކަންކަން ނުކުރަންވީ ކީއްވެ. އީހާނު ވެސް ކަންތައް ކުރީ އީހާނަށް ފެންނަ ގޮތަށް." ނީރާ ބުނެލިއެވެ. އެ ހުރިހާ ހަރުކަށިކަމެއް ދެއްކިއިރު ވެސް ނީރާގެ ހިތް އެދެމުންދިޔައީ އީހާނުގެ ނުރުހުންވެ ނީރާއާ ވަކިވުމުގެ ހިޔާލެއް އެ ހިތާއި ސިކުނޑިއަށް ވަނުމެވެ.

"ވީ އާ މެރީޑް ނައު... ނީރާ ޕްލީޒް. ބްލޭމް ކުރުން ހުއްޓާލަބަލަ. މަންމައަށް ޓަކައި އަހަރެމެން ދެމީހުން ނިންމި ނިންމުމެއްމީ. މި ކައިވެނި ބްރޭކްކޮށްލަން ނޫޅޭ. އަހަރެން އެގޮތް ބޭނުމެއްނޫން. ނީރާއާއެކު އުޅޭން ބޭނުން. މި މެރިއޭޖް ވޯކްކުރަން ބޭނުން. ނީރާ ރުހޭ ކަހަލަ މީހަކަށްވާން ބޭނުން. ކުރީގަ އަހަރެމެން ދެމެދުގައި އޮތް ގާތްކަން ބޭނުން. މިހިސާބުން މާޒީ ދޫކޮށްލާފައި ކައިވެންޏާއެކު އާ ފެށުމުން އަހަރެމެންނަށް ނުފެށޭނެތަ؟." އީހާނު އެނދުން ތެދުވެގެން އައިސް ނީރާގެ ގާތުގައި ހުއްޓުނެވެ.

"މީ އަހަރެން ބޭނުންވާ ދިރިއުޅުމެއްނޫން. އީހާނު އުޅޭނޭ ގޮތަކަށް އުޅޭންވީ. އަހަރެން ނުހުއްޓުވާނަން. ފާޑެއް ނުކިޔާނަން. އެކަމަކު އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދުކޮށްގެން ނުވާނެ." ނީރާ ބުނެލިއެވެ.

"އެކަހަލަ ދިރިއުޅުމެއް އުޅޭކަށްނޫން މިކައިވެނި ކުރީ." އީހާނު ބުންޏެވެ. ނީރާ އިވޭކަމަށް ނުހެދިއެވެ. ހިނގައިގަތީ ބިއްދޮށުގައި ހުރި ދޮރުން ޕޫލްކައިރިއަށް ނުކުންނާށެވެ. ނަމަވެސް ހުއްޓުނީ އީހާނު އައިސް ހެނދުނު އެ ކޮޓަރިއަށް ގެނެވުނު މޭވާތަށީގައި އޮތް ވަޅި ނެގީމައެވެ.

"އައި ވިލް ކިލް މައިސެލްފް ފޯ ޔޫ. މި މެރިއޭޖް ބްރޭކްވާނީ އޭރުން. ނީރާ މިހާރު ބޭނުމީ އެގޮތްކަން އެނގިއްޖެ." ހީކުރި ވަރަށްވުރެ އީހާނު މާ ކުޅަދާނައެވެ. ނީރާ ހޯދުމަށް ޓަކައި ކިތަންމެ ބޮޑު ހިރާސްއެއް ވެސް އީހާނު ހުރީ ނަގާށެވެ.

ނީރާގެ ލޮލުން ހާސްވެއްޖެކަން ފެންނަން ހުއްޓެވެ. އަތްތިލަ ޖައްސާލި ގޮތަށް އީހާނު ވަޅި ދަމާލިއެވެ. ނީރާގެ ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އީހާނުގެ އަތްތިލައިގެ ތެރެއިން ލޫކަލަ ފާޅުވާން ފެށިއެވެ. އީހާނު ދެން ވަޅި ދިމާކުރީ އަތުގެ ނާރު ބުރިކޮށްލާށެވެ. ނީރާއަށް ހަޅޭލަވައިގަނެވުނެވެ. އީހާން މަރުވާން އުޅުނުތަން ނީރާ ދުށް މީ ފުރަތަމަ ފަހަރެއް ނޫނެވެ. ސޫޒަން ހެދިގޮތުން އީހާނު ކައުންސިލިން ނަގަން ފެށީ ބޭސްތައް ކާލައިގެން މަރުވާން އީހާނު އުޅުނީމައެވެ. ހޮސްޕިޓަލަށް ގެންދެވުމުން ނަފްސާނީ ޑަކްޓަރަކަށް އީހާނު ދައްކަން ލަފާ ދިނީ ހޮސްޕިޓަލުން އީހާނު ބެލި ހާއްސަ ޑަކްޓަރެވެ. ނީރާ އައިސް އީހާނުގެ އަތުގައި ހިފެހެއްޓިއެވެ.

"ލެޓްސް ފިނިޝް ދިސް. އަހަންނަށް ކުޑަކޮށް ވެސް ނީރާއަށް ހެޕިނެސްއެއް ދެވެން ނެތޭ ބުނާއިރު، ހުރިހާކަމަކުން ނީރާ މިނިވަންވާނީ އަހަރެން ނެތީމަ. އޭރުން މަންމަ ބުނާ ގޮތެއް ވެސް ނީރާ ހަދާކަށް ނުޖެހޭނެ. ނީރާ ބޭނުން ގޮތަކަށް އުޅޭންވީ. މި މަޖުބޫރުކަމުން ސަލާމަތްވީ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ މަންމަ. ނީރާ އެކަމާ ވިސްނާކަށް ނުޖެހޭނެ." އީހާނު ރޮމުން ވާހަކަދެއްކިއެވެ. ޖަޒުބާތުގައި ނީރާ ޖައްސާ ބަލިކަށިކޮށްލާނީ ކިހިނެއްކަން އީހާނަށް އެނގެއެވެ.

"ޑޯންޓް ޑޫ ދިސް. ޕްލީޒް." ނީރާ އާދޭސް ކޮށްލިއެވެ. ވަޅިހިފައިގެން ހުރި އީހާނުގެ އަތުގައި ނީރާ ދެއަތުން ހިފެހެއްޓިއެވެ. އޭނާގެ އަތަށް ވަޅި ދޭން ނީރާ އެދުނެވެ. ނަމަވެސް އީހާނު ގަސްދުގައި ނީރާ ފޮޅުވާލީއެވެ. ކަނޑައިގެން ގޮސް ލޭ އަންނަމުން ދިޔަ އަތުގެ ނާރުގައި ވަޅި ހިންގާލީ ލޭ ފާޅުވެލާ ވަރަށެވެ. ނީރާ ބިރުން ހަޅޭލަވައިގަތެވެ. އީހާނުގެ ގައިގާ އޭނާ އައިސް ބައްދާލިއެވެ. އެހެން ނުހަދާށޭ ބުނަމުންނެވެ. ހާސްވެ ކަންބޮޑުވެގެން ގޮސް ކުރާނޭ ކަމެއް ނޭނގިފައި ނީރާ ވިއެވެ. އޭނާ އީހާނަށް އިއްވީ އެވަގުތު އަޑުއަހަން އީހާނު ބޭނުންވާ ބަސްތަކެވެ.

"ޔެސް... ވީ ކެން ސްޓާޓް އަ ނިއު ލައިފް. ލެޓްސް ސްޓާޓް އަ ނިއު ލައިފް... ނިއު ބިގިނިން." ނީރާ އަވަސްއަވަހަށް ތަކުރާރުކޮށްލިއެވެ.

އީހާނު މަޑުމަޑުން ނީރާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭނާ ވެސް ވަރުބަލިވެއްޖެކަމުގައި ބުންޏެވެ. ނީރާގެ ނުރުހުމާއި އަބަދު ކުރިމައްޗެއް ނުލިވޭނެކަން އީހާނު ހާމަކުރިއެވެ. އޭރު ވެސް އޭނާ ރޮނީއެވެ. ވަކިވުން ނޫން ކޮންމެ ކަމެއް ވެސް ނީރާއަށް ކޮށްދޭން އޭނާ ހުރީ ތައްޔާރަށްކަން ބުންޏެވެ. އީހާނުގެ އަތުގެ ތެރެއިން ނީރާ ވަޅި ނެގީ ފުރުސަތަކަށް ބަލަބަލާ އިނދެފައެވެ. އީހާނު އަތުން ވާގި ދޫކޮށްލި ހެން އަތްތިރިކޮށްލީމައެވެ. ނީރާ ވަޅި ނެގުމާއެކު ދުރަށް އެއްލާލީ ނިކަން އަވަހަށެވެ. މިހެންވެދާނޭކަން ނީރާއަށް ވިސްނިފައެއްނެތެވެ.

"ލޭ މަނާ ކުރަން ހިނގާ." އީހާނުގެ މޫނުގައި ދެއަތުން ހިފާލުމާއެކު ނީރާ ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާ ތެދުވެ އީހާނުގެ އަތުގައި ހިފާލުމުން ތެދުވެއްޖެއެވެ. ފާޚާނާއަށް އަށް ވަދެ އީހާނުގެ އަތް ސާފުކޮށް ފަސްޓްއެއިޑް ފޮށި ހޯދިއެވެ. އީހާނުގެ އަތް ނީރާ ބެންޑޭޖްކޮށްދިނެވެ.

"ނީރާ... އައި ލަވް ޔޫ..." ނީރާ އެނބުރިލަންވާއިރަށް އީހާނު ގޮވާލައި ގާތަށް ދަމާލިއެވެ. ބައްދާލުމާއެކު ލޯބިވެޔޭ ހާމަކުރިއިރު ނީރާ ހުރީ އޭނާގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވެފައި ހުރި މީހަކު ފަދައިން ހިމޭންވެފައެވެ. އެހެންވިޔަސް އީހާނު ދުރަށް ޖެހިލުމުން ހުރިހާ ވޭންތަކާއެކު ވެސް ނީރާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ހާލު ބުނެދިނުމަށް ދެ ލޯ ކަރުނައިގެ އެހީ ހޯދިއެވެ. އެކަމަށް ހުރަސް އެޅީ ނީރާއެވެ.

"ހިނގާ ފުރަން... މިތާ މަޑުކުރާ ހިތެއްނެތް." އީހާނުގެ ތުނިކޮށް ހުރި ތުނބުޅީގައި ފިރުމާލަމުން ނީރާ ބުންޏެވެ.

"އަހަރެންވެސް ބޭނުންވަނީ އެގޮތް." އީހާނު ބުނެލިއެވެ. ނީރާ ބޯޖަހާލީ އޭނާ ގަބޫލޭ ބުނާ ފަދައިންނެވެ. (ނުނިމޭ)