ވަކި ބަޔަކު ޖަލުން މިނިވަން ކުރަން ނުވަތަ "މިންޖު" ކުރަން ގޮވާލާ ގޮވާލުމުގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށާއި މިނިވަން ކުރަން ގޮވާލާ މީހުން މިނިވަން ކުރުމުގައި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ސުލްހަވެރި ކަމައެކު އެއްވެ އުޅުމަކީ ގާނޫނުއަސާސީން އޮތް ހައްގެއް ކަމަށާއި "ކީ ވޯޑަކީ ސުލްހަވެރިކަމާއެކު އެއްވުން" ކަމަށް ވާއިރު އެ މިނިވަންކަން އެބައޮތް ކަމަށެވެ. ހަމަ އެހެންމެ އަނިޔާވެރިކަން ކުރިމަތި ކުރުވައި އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމަށް ގާނޫނުތަކުގައި ހުރި މިންތައް ހުރަސްކޮށް އެއަށް ގޮންޖެހުމަށްފަހު ކަންތައްތަކެއް ކުރުމުގެ މިނިވަން ކަމެއް ވެސް ނެތް ކަމަށެވެ.
މާދަމާ ހަވީރު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ، "މިންޖުވާން" އަށް އިޝާރާތް ކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ އިވޭ އަޑުތަކާއި ދައްކާ ވާހަކަތަކަށް ބަލާއިރު އެއީ ކުށް ސާބިތުވެ ހުކުމްތަކެއްގައި ތިބި ބަޔަކު ޖަލު ހުކުމުން ނުވަތަ ޖަލުން މިނިވަން ކުރަން ގޮވާ ގޮވާލުމެއް ކަމަށެވެ.
"ނުވަތަަ އެ މީހުން 'މިންޖު' ކޮށްދޭށޭ އާންމު ގޮތެއްގައި މި ގޮވާލަނީ. އެެހެން ނަމަވެސް އެއީ ކޮންމެ ބޭފުޅެއް ކަމަށް ވިޔަސް އެއީ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިޔަސް އަދި އެ ލިސްޓްގައި ޖަހައިގެން އުޅޭ އެހެން ބޭފުޅުން ކަމަށް ވިޔަސް އެ އެންމެންވެސް ތިއްބެވީ ހުކުމް ތަކެއްގެ ތެރޭގައި. އެބޭފުޅުންނަށް މާފު ދެވޭނެ އިންތިޒާމްތަކެއް ސަރުކާރާ ހަމައަށް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އަންނަނީ ޝަރުއީ ނިޒާމުގެ ތެރެއިން އެ މަރުހަލާތައް ނިމިގެން އެއިން އެއްވެސް ބޭފުޅެއްގެ މައްސަލައެއް އަދި ޝަރުއީ ނިޒާމްގެ ތެރެއަކުން ނުނިމޭ. އެހެންވީމާ އެ ގޮވާލާ ގޮވާލުމުގައި ގާނޫނީ އަސާސެއް ނެތް ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނެތް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޮތް މައްސަލައެއް ކަމަށާއި އެމަނިކުފާނުގެ މައްސަލައިގެ ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް އަދި ނުނިމޭ ކަމަށެވެ. އެހެން ކަމުން ރައީސް ޖުމްހޫރިއްޔާ ކިތަންމެ ބޭނުންފުޅުވިޔަސް ރައީސުލް ޖުމްހޫރިއްޔާއަށް ރައީސް ނަޝީދަށް މާފު ދެއްވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ވަކި ބޭނުމެއްގައި މިފަދަ މުޒާހަރާތައް ބާއްވާއިރު ފެންނަނީ ވަރަށް "ރޯޒީކޮށް" ނުވަތަ މަތި އޮމާންކޮށް ޖަޒުބާތީ ވާހަކަތަކެއްގައި މުޒާހަރާ ރާވާ މަންޒަރު ކަމަށާއި ނަމަވެސް މުޒާހަރާ ނިމިގެންދާއިރު ކުރާ ގާނޫނާ ހިލާފު ކަންތައްތަކެއްގެ ތެރެއަށް ކަމާ ނުބެހޭ އަދި ރަނގަޅު މައުލޫމާތު ނެތް އެތައް ބަޔަކު ގެނބި އަނިޔާތައް ލިބެމުންދާ ކަމަށާއި އެހިސާބަށް ދާން ފުރުސަތު ނުދެވޭނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.