އަލްޝާލީ މެރިން މޯލްޑިވްސް އިން ޑައިވިން އާއި ފިޝިންގައި އުޅޭ ފަރާތްތަކަށް ކަމުދާނެ ގޮތަށް ބަލައި ހާއްސަ ލޯންޗެއް ނެރެފި އެވެ.
އަލްޝާލީ މެރިން މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ "ކޯސްޓް ކްރާފްޓް 38" މަރުކާގެ މި ލޯންޗަކީ ގޭމް ފިޝިން އާއި ޑައިވިން ކުރެވޭ ގޮތަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ހާއްސަ އުޅަނދެއް ކަމަށެވެ.
މި އުޅަނދުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ގޭމް ފިޝިން ނުވަތަ ރިކްރިއޭޝަން ފިޝިންގައި ހަރަކާތްތެރިވާ ފަރާތް ތަކުން ބޭނުން ކުރާ ދޮށި ޖެހޭނެ ހާއްސަ ގޮނޑިއެއް ވެސް ފަހަތުގައި ހަރު ކޮށްފައިވެ އެވެ. އަދި އެ ގޮނޑީގައި ވެސް ދޮށި ހަރުކުރެވޭ ގޮތަށް ހުންނައިރު ލޯންޗުގެ މަތީގައި ފަހަތުގައި ދެ ދޮށި ހަރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވެ އެވެ. އަދި ލޯންޗުގެ ދިރުނބާކޮޅުގައި ހުރެގެން ވެސް ދޮށި އުކަން ބޭނުންވާ މީހަކަށް އުކާލެވޭނެ ޖާގައެއް އޮވެ އެވެ. އަދި ފަހަތް ވެސް ފަރުމާ ކޮށްފައި ވަނީ ދޮށި އުކޭ ގޮތަށެވެ.
މި ލޯންޗު ބަނދެފައި ވަނީ ގޭމް ފިޝިންގެ އިތުރުން ޑައިވިން އާއި ސްނޯކްލް ކުރާ ފަރާތް ތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ. ލޯންޗުގެ އެތެރޭގައި ވަށައިގެން ޝީޓް ޖަހާފައިވުމަކީ ޑައިވިން ގިޔަރު އަޅައިގެން ތިބޭ މީހުންނަށް ފަސޭހައިން އިށީނދެލައިގެން ތިބެވޭނެ ސަބަބެކެވެ. އަދި ލޯންޗުގެ ފަހަތް ފަރުމާކޮށްފައިވަނީ ޑައިން އަށް މޫދަށް ފުންނާލާ މީހުންނަށް ފަސޭހައިން އެރޭނެ ގޮތަށް ސިޑި ތިރި ކުރާ ބައެއްގެ ގޮތުގަ އެވެ. ލޯންޗުގެ އެތެރެ އާއި ދިރުނބާ ކޮޅުގައި އެތެރެ ލަކުޑިން ހަދާފައިވުމުން ލޯންޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނުނުގެ އިތުރުން މަސްވެރިކަން އުޅަނދުގެ ތެރޭގައި އުޅެން ފަސޭހަވެ އެވެ.
އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ މި ލޯންޗް އެކި ފައިނޭންޝަލް ސްކީމް ތަކުން ލިބޭނެ އެވެ. އަދި ކޮވިޑް-19 އަށްފަހު އިކޮނޮމީ ރަނގަޅުވަމުންދާއިރު އެ ކުންފުނީގެ އުޅަނދު ފަހަރަށް އޮތް ޑިމާންޑު ވެސް މަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްޝާލީ މެރިންއަކީ އެކި ފަންތީގެ ލޯންޗުތައް ރާއްޖޭގެ ބާޒާރަށް ނެރޭ ކުންފުންޏެވެ. އެ ކުންފުނިން މީގެ ކުރިން ޒުވާން މަސްވެރިންނަށް ހާއްސަކޮށް "އެކްޝަން 24" ގެ ނަމުގަ އިވެސް ލޯންޗެއް ނެރެފައިވެ އެވެ. ޓޯޓަލް ސޮލިއުޝަނެއްދޭ އަލްޝާލީ މެރިންގެ އުޅަނދު ފަހަރަށް ކޮންމެ އަހަރަކު ވެސް ގިނަ އެވޯޑު ތަކެއް ލިބެ އެވެ.