ބަތަލާ ބިޕާޝާ ބާސޫ އާއި އެކްޓަރު ޑީނޯ މޯރިއާ ފިލްމީ ކެރިއަރު ފެށިތާ ކައިރީގައި ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވެއެވެ. ޑީނޯ އާއި ބިޕާޝާ ރުޅިވީ ޖޯން އަބްރަހަމް އާއި ރައްޓެހިވެގެން ކަމަށް އެ ދުވަސްވަރު ވާޙަކަ ދެކެވުނެވެ.
ޑީނޯ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ބިޕާޝާ އާ ލޯބީގެ ގުޅުން ކެނޑުނަސް އެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އަބަދުވެސް އޮންނަ ކަމަށެވެ. އެމީހުން ރައްޓެހިވެގެން އުޅުނުއިރު ކުޅުނު "ރާޒް" އާއި ރުޅިވި ފަހުން ކުޅުނު "ގުނާ"އާ ދެމެދު ހޭދަވި ދުވަސްތަކުގައި އެމީހުންގެ އެކުވެރިކަމަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ޑީނޯ ބުންޏެވެ.
"އަހަރެމެން ދެ މީހުން އެކަކު އަނެކަކަށް ވަރަށް އިހުތިރާމްކުރަން. އަދި މިހާރުވެސް ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި ތިބީ. ދޭތެރެއަކުން އެކަކު އަނެކަކަށް ގުޅައި ވާހަކަ ދައްކާ ހާލު ބަލާ ވެސް ހަދަން،" ޑީނޯ ބުންޏެވެ.
ޑީނޯ އާއި ރުޅިވުމަށްފަހު ބިޕާޝާ ރައްޓެހިވީ ޖޯން އާ އެވެ. ޖޯން އާ ރައްޓެހިގެން ހަތް އަހަރެއްހާ ދުވަހު އުޅުމަށްފަހު އެ ދެ މީހުން ވެސް ރުޅިވިފަހުން ބިޕާޝާގެ ހަޔާތަށް އައީ ޓީވީ އެކްޓަރު ކަރަން ސިންގް ގްރޯވަރު އެވެ. ކަރަން އާއި ބިޕާޝާ 2016ގައި ކައިވެނިކުރި ގޮތަށް އެ ދެމީހުން ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކަމަށް އަބަދުވެސް އެމީހުން ސޯޝަލް މީޑިއާގައި ދަނީ ހާމަ ކުރަމުންނެވެ.
ޑީނޯ އަދިވެސް ކައިވެންޏެއް ނުކުރެ އެވެ. އަދި ފާއިތުވީ އެތައް އަހަރަކުއްސުރެ މާ ގިނަ ފިލްމީ މަސައްކަތް ތަކެއް ނުކޮށް ހުރެފައި "ދި އެމްޕަޔާ" ކިޔާ ސީރީޒް އެއް މި ފަހުން ކުޅެފައި ވެއެވެ. ދްރަޝްތީ ދަމީ އާއި ޝަބާނާ އަޒުމީ އާއެކު އޭނާ ކުޅުނު މި ސީރީޒް ރިލީޒްކުރީ އޯޓީޓީ ޕްލެޓްފޯމެއްގަ އެވެ.
ބިޕާޝާ ވެސް ކައިވެންޏަށްފަހު ފިލްމު ކުޅުމާ ވަނީ ދުރަށް ޖެހިލާފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ 2015 ގައި ރިލީޒްކުރި "އެލޯން" އެވެ. މިއީ ފިރިމީހާ ކަރަން އާއެކު ބިޕާޝާ ކުޅުނު ފިލްމެކެވެ.