ބޮލީވުޑް

ފިލްމުތަކުން ނުފެންނަނީ ކަންނެތްކަމުން: ބިޕާޝާ

ބަތަލާ ބިޕާޝާ ބާސޫގެ ފިލްމެއް 2015 އިން ފެށިގެން ރިލީޒް ވެފައެއް ނެތެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން "ޑޭންޖަރަސް" ކިޔާ ވެބް ސީރީޒް އެއް އޭނާ ކުޅުނެވެ.

އެހާ ގިނަ ދުވަހު ބިޕާޝާ ސްކްރީނުން ނުފެނި ހުރުމުން އޭނާގެ ފޭނުން އެކަމާ ދެރަވެގެން ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކަ އެވެ. ބިޕާޝާގެ ފިލްމެއް ނުވަތަ ވެބް ސީރީޒް އެއް ނަމަވެސް ނުކުޅޭ ސަބަބު ހޯދަން ވެސް ފޭނުން މަސައްކަތް ކުރެ އެވެ.

ފޭނުންގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ދާދިފަހުން ބިޕާޝާ ދިން އިންޓަވިއުއެއްގައި ވަނީ ދީފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުތައް ނުވަތަ އެހެން ވެސް އެކްޓިން ޕްރޮޖެކްޓްތައް އޭނާ އަށް ލިބެ އެވެ. ނަމަވެސް ކުޅެން ބޭނުން ނުވަނީ އެވެ. ސަބަބެއް ކަމަށް އޭނާ ބުނީ މާ ބޮޑަށް ކަންނެތް ވެގެން ކަމަށެވެ.

ކެމެރާއާ ކުރިމަތިނުލާތާ ދެތިން އަހަރު ފަހުން އަނެއްކާވެސް މިއަހަރު ތެރޭގައި ބިޕާޝާގެ އާ ޕްރޮޖެކްޓެއް ބެލުންތެރިންނަށް ފެނިގެން ދާނެ ކަމަށް އޭނާ ބުންޏެވެ. އަދި ވަރަށް އަވަހަށް އެ ޕްރޮޖެކްޓް ރަސްމީކޮށް އިއުލާންކުރަން އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ގިނަ ޕްލޭންތައް މަޑުޖައްސާލަން ޖެހުނުކަމަށް ވެސް ބިޕާޝާ ބުންޏެވެ. ސަބަބަކީ އެ ބަލި ދެކެ އޭނާ ގަންނަ ބިރަކުންނެވެ.

"އަހަރެންގެ އާއިލާއާ ދޭތެރޭ އަހަންނަށް ވަރަށް ވިސްނޭ. އަދި އެމީހުންނަށް ކަމެއް ވެދާނެތީ ވަރަށް ބިރުގަނޭ. އެހެންވެ ފިލްމު ސެޓުތަކަށް ވެސް ނުގޮސް ގޭގައި މަޑުކޮށްގެން ހުރީ،" ބިޕާޝާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މިއަހަރު ފެށުނު ފަހުން އޭނާ ވަރަށް ބޮޑަށް އެކްޓިވްކޮށް އުޅެން ވަނީ ފަށާފަ އެވެ. އަދި ލައިވް ޝޯތައް ވެސް ގަބޫލުކުރަން ފަށާފައިވާ ކަމަށާއި އަދި އިއުލާން ނުކުރިޔަސް ގިނަ ކަންތައްތަކެއްގައި މިހާރު ބިޒީކޮށް އުޅެމުންދާ ކަމަށެވެ.