ބޮލީވުޑް

ބިޕާޝާ ބަނޑުބޮޑު ވީމަ ކާހިތްވަނީ ޒިލޭބި

ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވަރު މިހާރު އިންތިޒާރު ކުރަމުންދަނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށެވެ.

ބިޕާޝާ ބަލިވެ އިންކަން މި ދެ މީހުން ސޯޝަލް މީޑީއާގައި އިއުލާން ކުރުމަށްފަހު ވަރަށް ގިނަ ރޮމެންޓިކް ފޮޓޯތައް ގެންދަނީ ޕޯސްޓް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ޝެއާކުރި ވީޑީއޯ އިން ފެންނަނީ ބިޕާޝާ ޒިލޭބީ ކަނިކޮށެވެ.

ބިޕާޝާ ބުނި ގޮތުގައި ބަނޑުބޮޑުވީމަ ފޮނި އެއްޗެތި ކާހިތްވަނީ މާވަރަކަށެވެ. ޚާއްސަކޮށް ޒިލޭބީ ކާހިތް ވަރަށް ބޮޑަށް ވާކަމަށް ބިޕާޝާ ބުންޏެވެ.

ބިޕާޝާ އާއި ކަރަން ބައްދަލުވީ 2015ގައި ދެ މީހުން އެކުގައި ކުޅުނު "އެލޯން"ގެ ސެޓުންނެވެ.

ފުރަތަމަ ބައްދަލުވުމުން ވެސް އެކަކު އަނެކަކަށް ހިތް ދެވުނެވެ. އަދި 2016ގެ އެޕްރީލްގައި ބެންގާލީ ސަގާފަތާ އެއްގޮތަށް ކައިވެނި ކުރި އެވެ. އަދި ފަހުން "ޑޭންޖަރަސް"ކިޔާ ވެބް ސީރީޒެއް ދެމީހުން އެކުގައި ކުޅެފައި ވެއެވެ.

ބިޕާޝާގެ ކުރިން ކަރަން ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އެއީ ޓީވީ ބަތަލާ ޝްރަދާ ނިގަމް އާއި ޖެނިފާ ވިންގެޓްއާ އެވެ.

ކަރަން ނޫން މީހަކާ ބިޕާޝާ ކައިވެންޏެއް ނުކުރެ އެވެ. ނަމަވެސް ޖޯން އަބްރަހަމްއާ ލޯބީގެ ގޮތުން ގުޅިގެން ހަތް އަހަރު އުޅުނެވެ.